ލިޔެސް އަށް ޓީޓީ ކުޅޭ ސާމާނާއި ވޮލީ ކުޅޭ ސާމާނު ލިބިއްޖެ.
ޙަފްޞީ ޢަބުދުﷲ
ލަންދޫގައި ތަފާތު ކުޅިވަރުތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ޓޭބަލް ޓެނިސް ކުޅޭ ސާމާނާއި ވޮލީބޯޅަ ކުޅޭނެ ސާމާނު މިއަދު ލިބިއްޖެއެވެ. ޓޭބަލް ޓެނިސް އެސޯސިއޭޝަނާއި ގުޅައިގެން ކުރި މަސައްކަތުން ލިބިފައިވަނީ ތިރީސް ބޯޅަ އާއި، ހަތަރު ރެކެޓެވެ. ޖަމްއިއްޔާގައި ޓޭބަލް ޓެނިސް މޭޒެއް ހުރުމާއެކު، އާފެށުމަކުން މިކުޅިވަރު ތަރައްޤީކުރަން ފެށޭނެކަމަށް އަޅުގަނޑު ދެކެމެވެ. މިތަކެތި ކުރިއަށްއޮތް އީދު ދުވަހަށް ވާއިރު ލަންދޫގެ ޒުވާނުން ބޭނުންކުރަން ލިބޭނެކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ. ހަމައެހެންމެ ރޭވުންތެރިކަމާއެކު، ލަންދޫގެ ޒުވާނުންނަށް މިކުޅިވަރުކުޅެވޭނެ އިންތިޒާމް އަނެއްކާވެސް ހަމަޖެހިގެންދާނެކަމަށް އަޅުގަނޑު ޤަަބޫލުކުރަމެވެ.
މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސްއަށް ދަންނަވައިގެން ކުރި މަސައްކަތުން ވޮލީބޯޅަ ކުޅޭނެ ސާމާނު ލިބޭނެކަމުގެ ޔަޤީންކަން މިއަދު ވަނީ ދެއްވާފައެވެ. ނަމަވެސް އެމިނިސްޓްރީގައި އަޅުގަނޑުމެންވާނީ ބެޑްމިންޓަންއާއި ބާސްކެޓް ކުޅޭނެ ސާމާނަށްވެސް އެދިފައެވެ. އެތަކެތި ލިބުނުކަން އަދި އަންގާފައެއްނުވެއެވެ. ކުރިއަށްއޮތީ ފޯރިގަދަ ވޮލީބޯޅަ މުބާރާތެއްކަމުން މިލިބުނު ތަކެއްޗާއެކު އިތުރު ކުރިއެރުމެއް ލިބޭނެކަމަށް އަޅުގަނޑު ދެކެމެވެ. ވޮލީބޯޅަ ކުޅޭ ސާމާނު ލިބުނީ ކިހާވަރަކަށް ކަން އަދި ޔަޤީނެއް ނުވެއެވެ. އެތަކެތި މިހަފްތާގައި ލިބޭނެކަމަށް އުއްމީދުކުރެވެއެވެ.
އަދިވެސް އިތުރު ކުޅިވަރުތަކަށް ބޭނުންވާ ތަކެތި ހޯދުމަށް މެދުނުކެނޑި މަސައްކަތްކުރަމުންދާވާހަކަ ލަންދޫ ޔޫތް އެންކަރޭޖިންގ ސޮސައިޓީގެ މެމްބަރުންނާ ޙިއްޞާކޮށްލަމެވެ. އަދި މިތަކެތީގެ ބޭނުން ރޭވުންތެރިކަމާއެކު ހިފާނެކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ.
No comments:
Post a Comment