Tuesday, September 2, 2008

ލަންދޫފަޅުގެ ޝީޓްޕައިލް ކުރުމުގެ މަސައްކަތް ލަންދޫއޮފީހުން ހުއްޓުވާލައިފި

ލިޔުނީ : އަޙްމަދު ދާއޫދު

ލަފާފުރުމުގެ ދަތިކަން ފިލުވައިދިނުމުގެ މަޝްރޫޢުގެ ދަށުން ނ.ލަންދޫގައި ކޮނެދެއްވާ ފަޅުގެ މަސައްކަތުގެ ވަރަށްބޮޑުބައެއް ނިމިފައިވަނިކޮށް މިއަދު 10:00 އެހާކަށްހާއިރު މިމަސައްކަތުގައި އުޅުއްވާ އެމްޓީސީސީގެ ބޭފުޅުންނާ ބައްދަލުކޮށް މިހާރުކުރަމުންގެންދާ ޝީޓްޕައިލްކުރުމުގެ މަސައްކަތް އިތުރަށް ކުރިއަށް ނުގެންދިޔުމަށް ލަންދޫއޮފީހުގެ ފަރާތުން އެބޭފުޅުންނަށް އަންގައިފިކަމަށް ލަންދޫއޮފީހުން ލަންދޫއިންފޯއަށް މަޢުލޫމާތުދެއްވައިފިއެވެ.
ލަންދޫއޮފީހުން މަޢުލޫމާތު ދެއްވިބޭފުޅާ ވިދާޅުވީ މިމަސައްކަތް އިތުރަށް ކުރިއަށް ގެންދިޔަނުދީ ހުއްޓުވާލަންޖެހުނީ ފަޅާގުޅިގެން ދެކުނުފަރާތުން އޮޑިއެހެލާ ސަރަޙައްދެއް ހައްދަވައިދިނުމަށް އެދި ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީ ތަކުގަޔާއި އަދި ޚާއްޞަކޮށް އެމްޓީސީސީ ގައި އެތައްފަހަރެއްގެމަތިން އެދިފައިވާއިރު އެއްވެސް ޖަވާބެއް އަދި މިހާތަނަށް އެއްވެސްފަރާތަކުން ދެއްވާފާނުވާތީއެވެ. "ކޮންމެކަމަކަށްވެސް ޔޭސް އޯރ ނޯ އޮންނާނެ ދޯ" ލަންދޫއޮފީހުން ވާކަދެއްކެވިބޭފުޅާ ވިދާޅުވިއެވެ.
ލަންދޫރައްޔިތުންނާއި ލަންދޫގެ އޮޑިވެރިންގެފަރާތުން އަބަދުވެސް އެދެމުން މިދަނީ މިފަޅަކީ ލަންދުއަށް އެކަށީގެންވާ ވަރަށްވުރެ ކުޑަފަޅަކަށްވާތީ ފަޅާގުޅިގެން އޮޑިއެހެލާ ސަރަޙައްދެއް ހަދައިދިނުމަށްކަމަށް ލަންދޫއޮފީހުން ހާމަކުރެއްވިއެވެ. ލަންދޫއޮފީހުން އިތުރަށް ވިދާޅުވީ އޮޑިއެހެލާ ތަނެއް ހަދައިނުދެއްވާ ކަމުގައިވާނަމަ ފަޅުގެ ދިގުމިނަށް 100 ފޫޓް އިތުރުކޮށްދެއްވުމަކީ ވެސް ކޮންމެވެސް ވަރެއްގެ ހައްލެކެވެ. ނުވަތަ ފަޅުގެ ދެކޮޅުގައި ހުރަހަށް ޖަހަމުން އެގެންދާ ޝީޓްޕައިލްތައް އެގެންދާ ގޮތަށް ބޭރުތޮއްޓާ ހިސާބަށް ގެންގޮސްދިނުމަކީ ވެސް ރަގަޅުގޮތެކެވެ.
މިހާރު ސަރުކާރުން ހަމަޖައްސާފާ ވާގޮތަކީ ހުރަސްތޮށީގެ 50 ފޫޓްގައި ޝީޓްޕައިލް ކޮށްފާ ބާކީ އޮތްބައިގާ ބޮޑުހިލަޖައްސާގޮތަށެވެ. މިގޮތަށް ހަދައިފިނަމަ ފަޅުގެ ދެކޮޅުންކުރެ އެއްކޮޅެއްގައިވެސް ، ތޮށިގަނޑުގައި ޖައްސާ ދޯނިފަހަރު އަޅާފާނުބޭއްވޭނެކަމަށް އޮފީހުން ވިދާޅުވެއެވެ. ސަބަބަކީ އެތަންކޮޅުކުޑަކަމާއި ލަންދޫގައި ހުރި ދޯނިފަހަރު ގިނަވުމެވެ.
ލަންދޫއޮފީހުން ވާހަކަދެއްކެވި ބޭފުޅާ އިތުރަށް ވިދާޅުވީ އެބޭފުޅުން މިމަސައްކަތް މިހުއްޓުވާލީ ރައްޔިތުންގެ އެއްވެސް ޕްރެޝަރެއް ރަށުއޮފީހަށް އައިސްގެންނެއްނޫނެވެ. އެހެންނަމަވެސް ރައްޔިތުންއެދޭ ގޮތަށް މިމަސައްކަތް ސަރުކާރުންކުރިއަށް ނުގެންދަވާނަމަ ރައްޔިތުންގެތެރެއިން ބަޔަކު ނުވަތަ މުޅިރައްޔިތުން އިދިކޮޅަށް ނުކުތުމަކީވެސް ވަރަށްގާތްކަމެވެ. ކޮންމެއަކަސް މިމަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމުގެހުއްދަ ރަށުއޮފީހުންދެން ދެއްވާނީ ، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކަށް މިކަމާގުޅޭގޮތުން ލަންދޫއޮފިހުން ފޮނުއްވާ ފައިވާ ސިޓީތަކުގެ ޖަވާބު ލިބުނީމަކަމަށްވެސް ލަންދޫއޮފީހުން ހާމަކުރައްވައެވެ.
މަސައްކަތާ ހަވާލުވެގެންއުޅޭ ކޮންޓްރެކްޓަރުންނަށް ރަށުއޮފީހުން މަސައްކަތް ކުރިއަށްނުގެންގޮސް މަޑުކުރުމަށް އެންގެވުމުން އެބޭފުޅުން މިހާރު އިންތިޒާރުކުރައްވަމުން ގެންދަވަނީ އެމްޓީސީސީގެ ބަހެއް މިކަމާގުޅޭގޮތުން ލިބޭތޯކަމަށް މިމަސައްކަތްކުރުމަށް އިސްކޮށް ހުންނެވި އެކުންފުނީގެ ބޭފުޅާ ލަންދޫއިންފޯއަށް މަޢުލޫމާތުދެއްވާފާވެއެވެ.
މީގެކުރިންވެސް ލަންދޫފަޅުގެ މަސައްކަތް ގާތްގަޑަކަށް 6 މަސްދުވަހަށް މެދުކަނޑާލަށް ޖެހިފައިވެއެވެ. އެފަހަރު ދިމާވި މައްސަލައަކީ ތިމާވެއްޓާ ގުޅޭގޮތުން ހަދަންޖެހޭ ރިޕޯޓް ނުހަދާ އެމްޓީސީސީއިން މިމަސައްކަތް ފަށާފާ ވާކަން ސަރުކާރަށް އެގިވޑައިގެން އެރިޕޯޓް ހެއްދެވެންދެން މަސައްކަތް ހުޢްޓާލައިފާ އޮތީއެވެ.
އެހެންބައެއްރަށްށުގައި ހަދާހެން ރައްޔިތުންގެ ތެރޭން ބަޔަކު ނުވަތަ މުޅިރައްޔިތުން ނުކުމެ ފަޅުކޮނުގެ މަސައްކަތަށް ހުރަސްއަޅާ މަސައްކަތް ހުއްޓުވާހެން ، ލަންދޫރައްޔިތުން ނުކުމެ ހުރަސްއަޅާ މަސައްކަތް ހުއްޓުވާލުމުގެ ކުރިން ލަންދޫއޮފީހުން އިސްނަންގަވައިގެން މިދެއްކެވީ ވަރަށްރަގަޅުމިސާލެއްކަމަށް ލަންދޫއިންފޯއިން ދެކެމެވެ. ސަބަބަކީ ގިނަރަށްރަށުގައި މިކަހަލަ ކަންތައްތައް ނިމިގެންގޮސްފައިވަނީ ރަށުއޮފީހާ މާބޮޑުގުޅުމެއްނެތި ވަރަށްހުތުރު ޤަބޫލުކުރަންއުދަނގޫ ގޮތްގޮތަށެވެ. އިރާދަކުރެއްވިއްޔާ ލަންދޫ ރައްޔިތުން އެދޭގޮތަށް އަދި ލަންދޫ އޮފީހުން މަސައްކަތް ކުރަމުން އެގެންދަވާގޮތަށް އާޚީރުގައި، ލަންދޫފަޅަށް އިތުރު 100 ފޫޓް އިތުރުވެ ނުވަތަ ދެކޮޅުގައި އެޖައްސާ ޝީޓްޕައިލް ކަނޑުތޮއްޓާ ހިސާބަށް ގެންގޮސްދެއްވުމުގެ ނުވަތަ ފަޅާގުޅިގެން ފަޅުގެދެކުނުކޮޅުގައި އޮޑިއެހެލާތަނެއް ހައްދަވައިދެއްވުމުގެ ވިސްނުންފުޅު ސަރުކާރުގެ ކަމާބެހޭބޭފުޅުންނަށް މާތްﷲ ދެއްވާނެއެވެ.

No comments: