Monday, October 27, 2008

އިންތިޚާބު

ޑީއާރުޕީގެ ކެމްޕެއިންޖަގަހައެއް ހުޅުވައިފި

ލިޔުނީ : އަހްމަދު ދާއޫދު






ލަންދޫގައި އުޅޭ ޑީއާރުޕީއަށް ނިސްބަތްވާ މީހުންނާއި އެޕާޓީއަށް ތާއީދުކުރަށްވާ އެންމެހައި ބޭފުޅުން އިސްނަގައިގެން އެޕާޓީގެ ރިޔާސީ ކެނޑިޓޭޓް އަލްއުސްތާޛް މައުމޫން ޢަބުދުލް ޤައްޔޫމަށް އިތުރަށްތާއީދު ހޯދުމަށް މަސައްކަތް ކުރުމަށް ކެމްޕެއިން ޖަގަހައެއް ލަންދޫސަފާރީގޭގައި މިއަދު ގާތްގަޑަކަށް 14:00 ހާއިރު ހުޅުވައިފިއެވެ. މިރަސްމިއްޔާތުގައި ޑީއާރުޕީއަށް ތާއީދުކުރާ ލަންދޫ ރައްޔިތުންގެ ބަޔަކު ބައިވެރިވިއެވެ. އަދި މިވަގުތު މާލޭގައި ވަޒީފާ އަދާކުރާ މިރަށުމީހުންގެ ތެރެއިން ބައެއްމީހުން މިރަސްމިއްޔާތުގައި ބައިވެރިވުމަށް މިއަދު ލަންދުއަށް އައިކަމަށް ވެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައިވެސް ޑީއާރުޕީގެ ޖަގަހައެއް ލަންދޫގައި ހުޅުވާފައިވެއެވެ. އެފަހަރުގެ ޖަގަހަ ހުޅުވީ މިރަށު އަޅިވިލާގޭ ގައެވެ. ނަމަވެސް މިފަހަރުގެ ޖަގަހަ މިހުޅުވީ ސަފާރީގޭގައެވެ.

އަލްފާޟިލް މަހަމޫދު މުޙައްމަދު ( މަހަމޫދުބެ ) އަކީ މީގެކުރިން ޖުމުހޫރީޕާޓީއަށްތާއީދުކޮށް މުޅިރަށުގައި ޤާސިމް ގެ ފޮޓޯފުޅު ހިއްޕުމުގަިއ ވަރަށް އިސްދައުރެއްއަދާކޮށްފައިވާ ބޭފުޅަކަށްވާއިރު މިފަހަރުގެ ޑީއާރުޕީގެ ޖަގަހަ އެބޭފުޅާގެ އަމިއްލަގޭގައި ހުޅުވަން މިދިމާވި މައްސަލައަކީ ކޮބަކަމާއިމެދު ގިނަބަޔަކު ދަނީ ސުވާލުކުރަމުން ނެވެ. ގިނަމީހުން ތުހުމަތު ކުރާގޮތުގައި މަހަމޫދު ބެއަކީ އަބަދުވެސް އެކަހަލަ ގޮތަކަށް އުޅުއްވަމުން ގެންދަވާ ބޭފުޅެކެވެ. އެބޭފުޅާގެ އޮޑިދުއްވާނީ އެފަހަރަކު ވައި އައިގޮތަކަށޯލައެވެ.

ކޮންމެއަކަސް އަނެއްކާވެސް ގިނަބަޔަކު ހައިރާވީ އަނެއްކަމަކީ ކުއްލިއަކަށް އަޅިވިލާގެއިން ( ހަސަންބެ ) ޑީއާރުޕިގެ ފޮޓޯތަކާއި ބެނާތައް ނައްޓުވާލުމާއި، ސަފާރީގޭގައި ހުރި ޤާސިމް ގެ ފޮޓޯތައް މަހަމޫދުބެ ވީދާ އުކާލައި ،މުޅި ސަފާރީގެ ނޫކުލައިން ޖަރީވެގެން ދިޔުމުންނެވެ. މިހިރީ އަޅުގަނޑު ދެކޭގޮތުގައި ހައްތަހާވެސް ޢިބްރަތް ހާސިލް ކުރަންވީ ހާދިޘާ ތަކެވެ. މިއިން އެއްވެސް ކަމަކީ ހައިރާންވެ އަންތަރީސް ވާން ޖެހޭ ކަންކަމެއްނޫނެވެ. އިެމީހެއްގެ ރޮނޑަކުން ހަންދަމާނީ އެމީހަކު ދަމާނެކޮޅަކަށެވެ. އެއީކީ މައްސަލައެއްނޫނެވެ.

ދެރަވާންޖެހޭ ތަންކޮޅަކީ މިކަންތައްގަޑު މުޅިޢުމުރަށް ދެމިގެން ހިގައިދާނެތީއެވެ. ވޯޓްގެ ކަންތައްތައް ނިމުނީމާ އެއްމެން އެކަތިގަނޑަކަށް ވެ ހަމަކުރިންވެސް އުޅެމުން އައި ސާދާ އަމާން އޮމާން ދިރިއުޅުމަށް ވާސިލްވެވި ކުރިން މިޖެހިސަކަރާތްގަނޑުގެ މަތިން ހަނދާންނައްތާލެވޭނެނަމަ ، މައިންނާ ދަރިންނާ ، ބަފައިންނާ ދަރިންނާ، ދެބެން ދެބެންނާ ، އަބިންނާ ފިރިންނާ ދެމެދުގައި ވަކިމީހަކަށް ތާއީދުކުރާތީ ޖެހިގެން މިދާ މައްސަލަތަކީ ހަމަ ވަރަށް އާދައިގެ ކަމެކެވެ. އޭރުން އޮންނާނީ ހުރިހާކަމެއްވެސް ހައްލުވެފައެވެ. އެހެންނުވެއްޖެނަމަ މުޅިޢުމުރުގައިވެސް ފިތުނަފަސާދައިން ސަލާމަތްވެވޭނެ ތަނެއްނާންނާނެއެވެ.

Sunday, October 26, 2008

އިންތިޚާބު

އެމްޑީޕީގެ ޖަގަހައެއްވެސް ލަންދޫގައި

ލިޔުނީ : އަޙްމަދު ދާއޫދު






ލަންދޫ ނޫތަރިގޭ ( ބޮޑުޔޫސުންބެގޯތި ) ގައި އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކުން އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަލްފާޟިލް މުޙައްމަދު ނަޝީދު ( އަންނި ) އަށް އިތުރު ތާއީދު ހޯދުމުގެ ގޮތުން ކެމްޕެއިން ޖަގަހައެއް ހުޅުވައިފިއެވެ. މިޖަގަހައިން އަބަދާއަބަދު އެމްޑީޕީގެ ލަވަތައް އަޑުގަދަކޮށް ޖަހަމުން އެބަގެންދެއެވެ.

އެއްބަޔަކު އަނެއްބަޔަކަށް ތާއީދު އިތުރުކުރުމަށް ދަނީ މިދުވަސް ކޮޅުރަށުތެރޭގައި ތަފާތު ޙަރަކާތްތައް ހިންގަމުންނެވެ. އެގޮތުން އެމްޑީޕީއަށް ތާއީދުކުރާ ލަންދޫ ގެ ބަޔަކު ވަނީ މިއަދު ރަށުގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ބާއްވާފައެވެ. މިހިނގާލުމުގައި އެމްޑީޕީއަށް ތާއީދުކުރާ ރަށުގެ ބަޔަކުބައިވެރިވިއެވެ. އަދި މިހިގާލުމުގައި އަދުގެ ސަރުކާރާއި އިދިކޮޅު ޝުޢޫރުތައް ފާޅުކޮށް ގޮވާހަދާފާވެއެވެ.

ކޮންމެބަޔަކުވެސް އެބަޔަކު ތާއީދުކުރާ ކެނޑިޑޭޓަށް ތާއީދުހޯދުމުގެ ގޮތުން މަސައްކަތް ކުރުމަކީ މައްސަލައެއްނޫނެވެ. އެކަމަކު އެކަންކަން އޮންނަންވާނީ އަޅުގަނޑުގެ ނަޒަރުގައި ޤާނޫނި ހުދޫދުގެ ތެރޭގައި އަޅުގަނޑުމެންގެ ޢާއްމު މަސްލަހަތު ނުގެއްލޭނެ ގޮތެއްގެ މަތިންނެވެ.

އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅާ ޒުވާބުކޮށް މަރާމާރީ ހިންގާ ހިސާބަށް ކެމްޕެއިން ގެ ކަންތައްތައް ގޮސްގެންނެއް ނުވާނެއެވެ. އަދި ހަމަގައިމުވެސް މިރަށުގައި ( ލަންދޫ ) ގައި ނުދެއެވެ. އިރާދަކުރެއްވިއްޔާ ނުވެސްދާނެއެވެ. ލަންދޫރައްޔިތުންނަކީ އެއަށްވުރެ މާހޭލުންތެރި ރައްޔިތެކޭ ދަންނަވަން މިޖެހެނީ މިފަދަ ސަބަބު ތަކާހެދިއެވެ.

އިންތިޚާބު

އޮބްޒާވަރުންނާއި ، ރިޕޯޓަރުން އިތުރުވެއްޖެ


ލިޔުނީ : އަޙްމަދު ދާއަޫދު










ރިޔާސީއިންތިޚާބުގެ ފުރަތަމަ ބުރުގައި ލަންދޫ ވޯޓްފޮށި ކައިރީގައި ޙަރަކާތްތެރި ވެލެއްވި އޮބްޒާވަރުންނާއި ރިޕޯޓަރުންގެ އިތުރުން ދެވަނަބުރުގައި ވޯޓްފޮށިކައިރީގައި ޙަރަކާތްތެރި ވެލައްވާ ބޭފުޅުން އިތުރުވެއްޖެކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. އެގޮތުން މިފަހަރު ވޯޓްފޮށި ކައިރީގައި ޙަރަކާތްތެރިވެލައްވާނެކަމަށް އެނގިފައިވާ ބޭފުޅުންނާއި އެބޭފުޅުންގެ ހައިސިއްޔަތު ތިރީގައި އެވަނީއެވެ.


ނަމްބަރު

ނަމާއި އެޑްރެސް

ހައިސިއްޔަތު

1

އަޙްމަދު ފައިސަލް އެވަރގްރީން / ޅ.ހިންނަވަރު

ޖުމްހޫރީޕާޓީގެ ފަރާތުން ( އޮބްޒާވަރ )

2

ޢައްބާސް އިބްރާހީމް ބޮންތި / ލަންދޫ

ޖުމްހޫރީޕާޓީގެ ފަރާތުން ( އޮބްޒާވަރ )

3

އާދަމް މޫސާ ރިހިވެލި / ލަންދޫ

ޤައުމީ އިއްތިހާދުގެ ފަރާތުން ( އޮބްޒާވަރ )

4

ވަލީދު އާދަމް އަކިރި / ލަންދޫ

އެމްޑީޕީގެ ފަރާތުން ( އޮބްޒާވަރ )

5

ޢައްބާސް ޢަބުދުﷲ ފޭރުގަސްދޮށުގެ / ލަންދޫ

އެމްޑީޕީގެ ފަރާތުން ( އޮބްޒާވަރ )

6

ޒަހީނު ޙަސަން އަޅިވިލާގެ / ލަންދޫ

ޑީއާރުޕީގެ ފަރާތުން ( އޮބްޒާވަރ )

7

އަޙްމަދު ޙަސަން ނޫހިރި / ލަންދޫ

ޑީއާރުޕީގެ ފަރާތުން ( އޮބްޒާވަރ )

8

ޢަބުދުއްރަހްމާން މުޙައްމަދު މޫރިތި / ލަންދޫ

ހަމަރޯޅި ފަރާތުން ( މޮނިޓަރކުރުން )

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް އޮބްޒާވަރުންގެ ގޮތުގައި ބޭފުޅުން ޙަރަކާތްތެރި ވެލެއްވިނަމަވެސް އެއްވެސް ނޫސްވެރިއަކު ފެނިފައެއްނުވެއެވެ. ނަމަވެސް މިފަހަރު ( ދެވަނަބުރުގައި ) ފުރަތަމަ ފަހަރަށް ނޫސްވެރިއެއްގެ ގޮތުން ޙަރަކާތްތެރި ވެ ލައްވަނީ ހަމަރޯޅި ނޫހުގެ ފަރާތުން ސީދާ މިރަށުގެ ބޭފުޅެއްކަން އުފަލާއި އެކު ފާހަގަކޮށްލަން ޖެހެއެވެ.

އަލްފާޟިލް ޢަބުދުއްރަޙްމާން މުޙައްމަދު މޫރިތި ނ.ލަންދޫ ، ރިޕޯޓަރެއްގެ ހައިސިއްޔަތުން ބައިވެރިވެލައްވާއިރު ނޫސްވެރިކަމުގެ ދާއިރާގައި މިބޭފުޅާގެ ހުނަރުވެރިކަމާއި ޤާބިލްކަންހުރިމިންވަރާއިމެދު ހަމަގައިމުވެސް ލަންދޫ ރައްޔިތުންގެ މެދުގައި ސުވާލު އުފެދޭނެއެވެ. ކޮންމެއަކަށް މިއީ އަޅުގަނޑުމެން ވިސްނަން ޖެހޭ މައްސަލައެއްކަމަކަށް އަޅުގަނޑު ނުދެކެމެވެ. ވިސްްނަންވީ މީހާއަކަށް ނޫނެވެ. މީހާ ކުރާ ނުވަތަ ކުރާނެ މަސައްކަތަކަށެވެ.

ވޭތުވެދިޔަ ފުރަތަމަ ބުރުގައިވެސް އޮބްޒާވަރުންގެ ގޮތުގައި މަސައްކަތްކުރެއްވި ބައެއް ބޭފުޅުން އެބޭފުޅުން އައްޔަން ކުރެވިފައިވާ ޕާޓީނޫން އެހެން ޕާޓީތަކުގެ ފަރާތުން ވަކާލާތު ކުރާތަންވެސް އަޅުގަނޑުމެން މިތިބީ ތަޖްރިބާ ކޮށްފައެވެ. އެހެންކަމުން މިފަހަރުވެސް އެފަދަ ތަޖްރިބާ ތަކެއް ކުރެވިގެން ދިޔުމަކީ އެކަށީގެންވާ ކަމެއްކަމުގައި ދެންނެވިދާނެއެވެ.

Wednesday, October 22, 2008

foot

ބޯޑު ޖެހުމަށް ތައްޔާރުވަނީ




ލިޔުނީ : ގޮމަ



ލަންދޫގެ ތާރީޚްގައި ބޭއްވޭ އެންމެވަރުގަދަފުޓްބޯޅަމުބާރާތުގައި އިޝްތިހާރު ކުރުމަށްޓަކައި ބޭނުންކުރާނެ ބޯޑުތައް ބެހެއްޓުމުގެ ތައްޔާރީތައް ކުރުމުގެ ވާންފަށައިފިއެވެ. މިގޮތުން ދަނޑުގެ ހަތަރުފަރާތުން ވަށައިގެން ގާތްގަނޑަކަށް 10 ފޫޓްގެ ހުސްޖާގައެއްވަނީ ކޮށާސާފުކޮށްފައެވެ.

މިހާރުކުރެވެމުންދާ ބައެއްމަސައްކަތަކީ ބޯޑުތައް ހަރުކުރުމަށްޓަކައި ބޭނުންވާނެ ސްޓޭންޑްތައް ހެދުމުގެ މަސައްކަތެވެ. ހަމަމިއާއި ގުޅުވައިގެން މިމުބާރާތް އިންތިޒާމްކުރައްވާފަރާތްކަމުގައިވާ ލަންދޫޔޫތު އެންކަރޭޖިން ސޮސައިޓީން ވަނީ މުބާރާތުގައި އިޝްތިހާރު ކުރަންބޭނުންވާ ފަރާތްތަކަށް އެކަމުގެ ފުރުޞަތު ހުޅުވާލައިފައެވެ.

މިފަހަރުގެ މިހޮލިޑޭކަޕަކީ އެފް އޭ އެމް އާއި ގުޅިގެން ފުރަތަމަ ފުޓްބޯޅަމުބާރާތެވެ. މިމުބާރާތުގެ ރެފްރީންގެ ގޮތުގައި ޙަރަކާތްތެރިވެލައްވާނީ އެފް އޭ އެމްގެ ރެފްރީން ކަމުގައިވެސް އަޅުގަނޑަށް މަޢުލޫމާތު ލިބިފަިއިވެއެވެ. މިހެންވެއްޖެކަމަށްވާނަަމަ ލަންދޫގެ ތާރީޚްގައި ފުރަތަމަފަހަރަށް ކަމުގެތަމްރީނާއި ތަޖްރިބާލިބިފައިވާ ބޭފުޅުން ބޭނުންކުރައްވައިގެން ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއާއި ގުޅިގެން ފުޓްބޯޅަމުބާރާތެއް ބޭއްވުމުގެ ފަޚްރާއި ޝަރަފްވެސް ލިޔެސް ޖަމްއިއްޔާއަށް ލިބިގެންދާނެއެވެ.

ލިޔެސް ޖަމްއިއްޔާގެ ހިންގުންތެރި މެމްބަރުން ޚާއްޞަކޮށް މާލޭގައި ޖަމްޢިއްޔާގެ ފަރާތުން ފޯކަލްޕޮއިންޓެއްގެ ގޮތުގައި ހީވާގިކަމާއި މުރާލިކަމާއި އެކު މަސައްކަތްކުރައްވަމުން ގެންދަވާ ޙަފްސީ ޢަބުދުﷲ ކުރައްވަމުންގެންދަވާ އަގުހުރިމަސައްކަތްތަކަށް ޓަކައި މިކަންފާހަގަކޮށް ނިހާޔަތަށް ޝުކުރުވެރިވަމެވެ.

Tuesday, October 21, 2008

ހަކަތަ

މިފަހަރުއިންޖީނުގެއަށް އިބްރާހީމް ޒަކަރިއްޔާ

ލިޔުނީަ: އަޙްމަދު ދާއޫދު




ލަންދޫ ރައްޔިތުންގެ އިންޖީނުގެ އަށް އިތުރުމުުވައްޒަފަކު ހޯދުމަށް ކުރިއިޢުލާނާއި ގުޅިގެން އެވަޒީފާ ހޯދުމަށް ސިޓީ ލީ މީހުންގެ ތެރެއިން އެކަމަށް އެންމެ އެކަށީގެންވަނީ މިރަށު ޖައްވު އަލްފާޟިލް އިބްރާހީމް ޒަކަރައްޔާ ކަމުގައި ބައްލަވާ ރކ. ކޮމިޓީއިން އެވަޒީފާ އޭނާއަށް ހަމަޖައްސައި ދެއްވައިފިއެވެ.

އަލްފާޟިލް އިބްރާހީމް ޒަކަރިއްޔާ މިވަޒީފާއަށް ހަމަޖެއްސެވީ މަހަކު -/2500 ރ.އަށް ކަމުގައި ކަމުގައި މަޢުލޫމާތު ލިބިފައިވެއެވެ. މީގެކުރިން އިންޖީނުގޭގެ މުވައްޒަފުންގެ މުސާރައަކީ މަހަކު -/1500 ރ.އެވެ. މިހާދަށް މުސާރައަކަށް މިވަޒީފާ އަދާކުރާނެ މީހަކު ނުވެގެން މުސާރަ ދެހާސް ރުފިޔާ އަށް ބޮޑުކުރުމުންވެސް އެއްވެސް މީހަކު ވަންނާނެ ނުވެން އަނެއްކާވެސް މުސާރަ ބޮޑުކުރަންޖެހުނީ ކަމުގައި ރކ. ކޮމިޓީގެ ބޭފުޅަކު ވިދާޅުވިއެވެ.

ކޮންމެއަކަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލްފާޟިލް އިބްރާހީމް ޒަކަރިއްޔާ އަކީ މިފަދަ މަސައްކަތަކަށް ވަރަށް އެކަށީގެންވާ ބޭފުޅެކެވެ. އެއީ އެބޭފުޅާއަކީ ދޮންނަމެޝިން ، ރޭޑިޔޯ ، ފަންކާ ، އިސްތިރި ފަދަ ތަކެތި ރަށުގެ އެކިއެކި މީސްމީހުންނަށް މަރާމާތު ކޮށްދީ އުޅުއްވާ މިފަދަ މަސައްކަތްތަކުގައި ފުދޭވަރަކަށް ލޯހުޅުވިފައިވާ ބޭފުޅެކެވެ.

އަލްފާޟިލް އިބްރާހީމް ޒަކަރިއްޔާ އާއި އެކު އިންޖީނުގޭގައި ވަޒީފާ އަދާކުރައްވަނީ މިވަގުތު ދެބޭފުޅުންނެވެ. އަނެއްބޭފުޅަކީީ ސަފާރީގެ އަލްފާޟީލް މުޙައްމަދު އިރުޝާދެވެ. މިދެބޭފުޅުންވެގެން ވަޒީފާ އަދާކުރައްވާ ލަންދޫ އިންޖީނުގެއަށް ވަރަށް އަވަސް މުސްތަޤުބަލެއްގައި އިތުރު އެހެން މުވައްޒަފަކު ހަމަޖެހޭނެކަމަށް މަޢުލޫމާތުލިބިފައެިވެ. ދެން އިންޖީނުގޭގެ މުވައްޒަފަކަށް ލަންދޫ ރކ. ކޮމިޓީއިން ހަމަޖައްސަވާނީ ކުރިންވެސް އިންޖީނުގޭގައި ވަޒީފާ އަދާކުރައްވާ ފައިވާ ބޭފުޅެއްކަމުގައިވާ މިރަށު ފެންފިނިމާގޭ އަލްފާޟީލް ޢަބުދުﷲ ޢަބުދުއްރަޙީމު ކަމުގައި އެނގިފައިވެއެވެ. އަދި އޭނާ ހުރީ މިހާރު ކުޑަމައްސަލައެއްގައި ތ. ކިނބިދުއަށް އަރުވާލައިްވާފައެވެ. ނަމަވެސް މިހާރު އޭނާ މިނިވަންވެގެން ދެން އެންމެ އަވަހަށް އަންނަ ބޯޓަކުން ލަންދޫއަށް އަންނާނެކަމަށް ވެސް މުޢުތަބަރު ފަރާތަކުން އަޅުގަނޑުމެންނަށް މައުލޫމާތު ދެއްވާފައި ވެއެވެ.

Saturday, October 18, 2008

ސްކޫލްޚަބަރު

ޤައުމީފެންވަރުގެ ޓެސްޓެއްފެށި ބައިނަލް އަޤްވާމީ ފެށެނީ ޓެސްޓެއްފެށެނީ

ޚަބަރު : ގޮމަ




ދިވެހިރާއްޖޭގައި ކިޔަވައިދޭ ހުރިހާސްކޫލެއްގައި ގްރޭޑް 4 އަދި 7 ށް ދިނުމަށް ހަމަޖެހިފައިވާ ޑައިގްނޯސްޓިކް ޓެސްޓް މިއަދު ހުރިހާސްކޫލެއްގައި ފެށިއްޖެއެވެ. ގާތްގަޑަކަށް 40 ވަރަކަށް ކުދިން ހަދަމުންދާ މިޓެސްޓްގައި މިފަހަރު ދިނުމަށް ހަމަޖެހިފައިވަނީ ހަމައެެކަނި ހިސާބާއި އިނގިރޭސި މާއްދާގެ ޕޭޕަރެވެ.

ލަންދޫ ސްކޫޅުން މަޢުލޫމާތު ދެއްވާގޮތުގައި މިޓެސްޓް ދިނުމުގެ ބޭނުމަކީ ދިވެހިރާއްޖޭގައި ދެވޭ ތަޢުލީމްގެ ފެންވަރު ރަނގަޅުކޮށް މަތިކުރުމަށްޓަކައި ކުރެވިދާނެކަންތައް ތައް ދެނެގަތުމެވެ. މިޓެސްޓަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ އެޑިޔުކޭޝަނަލް ސްޕަވިޝަން އެންޑް ކޮލިޓީ އިމްޕްރޫމަންޓް ސެކްޝަނުން ދެއްވާޓެސްޓެއް ކަމަށްވެސް ލަންދޫސްކޫލުން މަޢުލޫމާތު ދެއްވައެވެ.

ލަންދޫސްކޫލްގެ ތާރީޚްގައި ވޭތުވެދިޔައަހަރު ފުރަތަމަފަހަރަށް ހަދަންފެށުނު ކޭމްބްރިޖް ޔުނިވަރސިޓީ ޓެސްޓްތައްވެސް މާދަމާނޫން އަނެއްދުވަހު މިސްކޫލްގައިވެސް ފެށޭނެކަމުގައި ލަންދޫސްކޫލުން މަޢުލޫމާތުދެއްވައެވެ.

ގާތްގަޑަކަށް 30 ދަރިވަރުން މިއަހަރު ހެދުމަށް ހަމަޖެހިފައިވާ މިއިމްތިހާނުގައި ފުރަތަމަ އޮންނާނީ އިކޮނޮމިކްސް ޕޭޕަރެވެ. ހަމައެކަނި ކޮމާސް ސްޓްރީމަށް ކިިޔަވައިދެމުން އަންނަ ލަންދޫސްކޫލުން މަޢުލޫމާތު ދެއްވާގޮތުގައި ވޭތުވެދިޔައަހަރަށް ވުރެ މިއަހަރުގެ ނަތީޖާ ރަގަޅުވާނެކަމަށް އުންމީދު ކުރެވެއެވެ.

ސްކޫލްޚަބަރު

އާހެޑަކު ސްކޫލާއި ޙަވާލުވެއްޖެ


ލިޔުނީ : މޫސާ ޙުސެއިން / މިހާސް






ލަންދޫސްކޫލްގެ އިސްވެރިއެއްގެ ގޮތުގައި އިންޑިޔާގެ ރައްޔިތެއްކަމުގައިވާ މރ. ބާލަ ގޯޕާލަމް މިދިޔަ ބުރާސްފަތި ދުވަހު ސްކޫލަށް ދުރުވެ ލަންދޫސްކޫލް ހިންގުމާއި ރަސްމީކޮށް ޙަވާލުވެއްލައްވައިފިއެވެ.

މިބޭފުޅާ ސްކޫލަށް ދުރުވެ ތަޢާރަފްވެ ލެއްވުމަށް ބޭއްވުނުބައްދަލު ވުމުގައި ވާހަކަދައްކަވަމުން ބުރާސްފަތި ދުވަހުގެ ރޭ ހާމަކުރެއްވި ގޮތުގައި މިބޭފުޅާ އަކީ 22 އަހަރުވަންދެން އެފްރިކާގެ ޤައުމުތަކުގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ އަދި ރާއްޖޭގައި 13 އަހަރު މަސައްކަތް ކުރައްވާ ފައިވާ ތަޖްރިބާ ކާރުބޭފުޅެކެވެ.

މިއީ މިބޭފުޅާ ދިވެހިރާއްޖޭގައި މަސައްކަތް ކުރައްވަމުން ގެންދަވާ 10 ވަނަ ސްކޫލެވެ. އެބޭފުޅާ މަސައްކަތް ކުރެއްވި ރާއްޖޭގެ ސްކޫލްތަކުގެ ތެރޭގައި މަޖީދިއްޔާސްކޫލް، ޖަލާލުއްދީނު ސްކޫލް، އަދި މުހިއްބުއްދީން ސްކޫލްފަދަ ބޮޑެތި ސްކޫލްތައް ހިމެނޭކަމުގައި މިބޭފުޅާ ހާމަކުރެއްވިއެވެ.

ކ.މާފުށީސްކޫލްގައި އެންމެފަހުން މަސައްކަތް ކުރެއްވީ ގްރޭޑް 4 ގެ މިޓީޗަރ މިސްކޫލް ހިންގުމާއި ޙަވާލުވެލެއްވީ އެކްޓިން ހެޑްމާސްޓަރެއްގެ ގޮތުގައެވެ.

މިބޭފުޅާ ސްކޫލަށް ދުރުވުމުން ސްކޫލްގެ ފަރާތުންދަރިވަރުންނާއި ސްޓާފުންވަނީ ވަރަށް ހޫނުމަރުޙަބާއެއް ކިޔާފައެވެ.

Wednesday, October 15, 2008

ހަކަތަ

މުވައްޒަފުންގެ މުސާރަ -/2500ރ. އަށް ބޮޑުކޮށްފި


ލިޔުނީ : އަޙްމަދު ދާއޫދު




ލަންދޫރައްޔިތުންގެ އިންޖީނުގޭގެ މުވައްޒަފުންގެ މުސާރަ އަނެއްކާވެސް ބޮޑުކޮށްފިއެވެ. މިފަހަރު މުސާރަބޮޑުމިކުރީ މިދިޔަ ހުކުރުދުވަހުގެރޭ ބޭއްވި ރައްޔިތު ފިރިހެނުންގެ ބައްދަލުވުމަކުން އިންޖީނުގޭ މުވައްޒަފުންގެ މުސާރަ -/2000ރ. ބޮޑުކޮށްފާ އިތުރު މުވައްޒަފަކު ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލައިފާ ނުވާތީ ކަމަށް މަޢުލޫމާތު ލިބެއެވެ.

މިވަގުތު އިންޖީނުގޭގައި ވަޒީފާ އަދާކުރަމުންދާ 2 މުވައްޒަފުންގެ ތެރެއިން ލަންދޫ ސަފާރީގެ އަލްފާޟިލް މުޙައްމަދު އިރުޝާދު ވަޒީފާއިން ވަކިވުމަށް އެދިފައިވާތީ އާއި އަނެއްމުވައްޒަފު ލަންދޫ ނިވައިދަށުގެ އަލްފާޟިލް ޢަބުދުލް މުޙްސިން އާދަމް ކުއްލިގޮތެއްގައި ވަޒީފާ ދޫކޮށްލައްވާ ރިސޯޓަކުން ޖޮބެއްހަމަޖެހިގެން ރަށުންފުރައިގެން ދިޔުމުން މިހާރު ވަގުތީގޮތުން އިންޖީނުތައް ބަލަހައްޓައިދެނީ މިރަށުހުދުވެލި ޢަބުދުލް ޣަނީ ޢުމަރެވެ. ގާނާ އަކީ މީގެ ކުރިންވެސް ގާތްގަޑަކަށް ހަތަރުވަރަކަށް އަހަރު އިންޖީނުގޭގައި ވަޒީފާ އަދާކޮށްފައިވާ ތަޖްރިބާހުރިބޭފުޅެކެވެ.

ފެށުނީއްސުރެވެސް ލަންދޫރައްޔިތުންގެ އިންޖީނުގޭގައި މުވައްޒަފުން ހަރުނުލާ މައްސަލައަކީ ލަންދޫރައްޔިތުންނަށް އިހްސާސްކުރަންޖެހިފައިވާ އަދި ވިސްނަންޖެހިފައިވާ މައްސަލައެކެވެ. ގިނަބަޔަކު ޤަބޫލްކުރާގޮތުގައި ވަޒީފާ ދޫކޮށްލައިފާ މުވައްޒަފުން ދާން މިޖެހެނީ މުސާރައިގެ މައްސަލައިގައެވެ. މުސާރަކުޑަވަނީއެވެ. ނަމަވެސް ދަންނަވަންޖެހެނީ ކުރަންޖެހޭ މަސައްކަތާ ބަލާއިރު އަދި އިންޖީނުގެއަށް ލިބޭ އާމްދަނީ އާއި ކުރަންޖެހޭ ޚަރަދަށް ބަލާއިރު މުވައްޒަފުންގެ މުސާރަބޮޑުކުރުމަކީ މާފަސޭހަކަމެއް ނޫންކަމުގައެވެ. ނަމަވެސް މިދަތިތައް ހުރުމާއިއެކުވެސް އެކިދުވަސްދުވަރުގައި އިންޖީނުގޭގެ މުވައްޒަފުންގެ މުސާރަ ދަނީ ބޮޑުވެސް ކޮށްދެމުންނެވެ.

ކޮންމެ މުވައްޒަފަކުވެސް ވަޒީފާއަށް ކުރިމަތިލައިގެން ވަޒީފާއަށް ވަންނަނީ މުސާރައާއި ދޭތެރޭ ހިތްހަމަޖެހިގެންނެވެ. ނަމަވެސް މުސާރަކުޑައޭ ކިޔާފާ 2 މަސްވެސް ނުވަނީސް މުވައްޒަފުން ވަޒީފާއިން ވަކިވަނީ އެވެ. އަދި މުސާރަބޮޑުކޮށްދިނުމަށް އެދި ޝަކުވާ ކުރަންފަށަނީއެވެ. މިހެންކަންތައް ވާންމިދިމާވަނި ކީއްވެތޯ ވިސްނާލަން މިހާރުއެބަޖެހެއެވެ. އަޅުގަނޑަށް ވިސްނޭގޮތުގައި ޢަމަލުކުރަން މިފެށުނު އައު ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ވަޒީފާއާއި ބެހޭ ޤާނޫނުގައި އެބުނާ ކަންތައްތައް އަޅުގަނޑުމެންވެސް ފޮލޯ ކުރަންފަށަންވީއެވ.ެ މުވައްޒަފުންނަށް ދޭންޖެހޭ ޙައްޤުތައްވެސް ދޭންވީއެވެ. އަދި ދެފަރާތް އެއްވަސްވާ އެގްރީމެންޓެއްވެސް ހަދާ އެގްރީމެންޓްގައި ވަކިމުއްދަތެއްހަމަނުވަނީސް ވަޒީފާއިން ވަކިނުވެވޭ ގޮތަށް ވެސް ކަނޑައަޅަންވީއެވެ.

މިފަދަ ގޮތަކަށްވިސްނައި ނުލައި ނުވަތަ ހިންގުމުގެ ދާއިރާ ހަރުދަނާ ކުރުމަކާއިނުލައި ރ.ކ ކޮމިޓީގެ ޖަލްސާއަކުން މުވައްޒަފުންގެ މުސާރަބޮޑުކުރިއަކަސް މިކަންހައްލެއްނުވާނެއެވެ. މީގެ ކުރީގައި މުވައްޒަފުންގެ މުސާރަ ކިތަންމެ ކުޑަތައްކޮޅެއް ބޮޑުކުރަންވިޔަސް ކުޑަކުރަންވިޔަސް ރައްޔިތުންގެ ރުހުންލިބިގެންނޫނީ މުސާރައަކަށް ބަދަލެއްނުގެނެއެވެ. ނަމަވެސް މިފަހަރު މިވީގޮތަކީ ރައްޔިތުން -/2000ރ. އަށް މުވައްޒަފުންގެ މުސާރަ ނިންމާފައި ވަނިކޮށް ރކ. ކޮމިޓީގެ ބޭފުޅުން ގެ ޖަލްސާއަކުން ރައްޔިތުންނާ މަޝްވަރާ ކޮށްލުމަކާ ނުލައި މުސާރަ ބޮޑުކޮށްލީއެވެ. ރައްޔިތުންނާ މަޝްވަރާ ނުކުރެއްވީ ކީއްވެތޯ ރކ. ކޮމިޓީގެ ބޭފުޅަކު ކައިރީ އަހާލުމުން ބުނުއްވީ -/2000ރ. އަށް މީހަކު ނުލިބުމުން -/500 ރ. އިތުކުރީކަމުގައެވެ. އަދި -/2500ރ. އަށް މީހަކު ނުލިބިއްޖެނަމަ ރައްޔިތުންނާ ބައްދަލު ކޮށްފާ ނޫނީ ދެންއިތުރަށް މުސާރަ ބޮޑުނުކުރަން ކޮމިޓީގެ އިއްތިފާޤުން ފާސްވީމާ އެގޮތަށް ހަދަންޖެހުނީ ކަމުގައެވެ.

އަޅުގަނޑު ދެކޭގޮތުގައި މިއީ މުޅިންރަގަޅުވިސްނުމެއްނޫނެވެ. ވަރަށްފަސޭހައިން ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ ޚިޔާލު ހޯދެން ހުންނަ މިފަދަކަން ކަމުގައި ރައްޔިތުންގެ ޚިޔާލު ނުހޯދާ ނިންމައިގެންނުވާނެއެވެ. އެއީ ހަމަ ރަށުހުރިހާ ރައްޔިތުންގެ ޙައްޤެކެވެ.

Tuesday, October 14, 2008

football

ފެންވަރުގެ ފުޓްބޯޅަމުބާރާތެއް


ލިޔުނީ : މޫސާ ޙުސެއިން / މިހާސް




ކުރިމަތިވަމުންއަންނަ އުފާވެރި އަލްޙާޢީދުގެ މުނާސަބަތުގައި ވަރަށްފެންވަރު ރަނގަޅު އަގުބޮޑު ފުޓްބޯޅަ މުބާރާތެއް މިރަށުގައި ބޭއްވުމަށް މަސައްކަތްކުރަމުން އަންނަކަމުގައި މިސައިޓަށް މަޢުލޫމާތު ލިބިއްޖެއެވެ.

ލަންދޫގެ ތާރީޚްގައި މިހާތަނަށް އެންމެބޮޑު ކާމިޔާބެއް ހޯދައިދިން ގޯލްކީޕަރ އަލްފާޟިލް މުޙައްމަދު ވަސީމް ޚަރަދުކުރައްވައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ތައްޔާރީތައް މިހާރުވެސް ކުރިއަށްދާކަމަށް ޚަބަރު ލިބެއެވެ.

މިރަށަކީ މިފަހަކަށް އައިސް އަލްޙާޢީދާއި ދިމާކޮށް ވަރަށްގިނަޢަދަދެއްގެ ބަޔަކުޒިޔާރަތް ކުރަމުންއަންނަ ރަށަކަށްވާހިނދު މިދުވަސްކޮޅު މިމުބާރާތްބޭއްވިއްޖެނަމަ ވަރަށްފޯރިގަދަ އަދި ކާމިޔާބު މުބާރާތަކަށް ވެގެންދާނެ ކަމަށް އަޅުގަނޑުމެންދެކެމެވެ.

މިމުބާރާތަށް ހުރިހާ ޚަރަދެއްކުރައްވާ މިމުބާރާތް ބޭއްވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ މުޙައްމަދު ވަސީމް ( ވައްސޭ ) އަކީ ލަންދޫގެ ކުޅިވަރަށް ޚާއްޞަކޮށް ފުޓްބޯޅައަށް ވަރަށް ގިނަގުނަ އެހީތަކަކާއި ، ޤުރުބާނީ ތަކެއްވެލައްވާފައިވާ އަޅުގަނޑުމެން އެންމެންގެ އެކުވެރިއެކެވެ.

ލަންދޫގެ ތާރީޚްގައި އަދި މިހާތަނަށް ޒޯންފައިނަލް ކުޅުނު ހުރިހާއަހަރެއްގައި ( 1 އަހަރުފިޔަވާ ) މިރަށުގެ ގޯލްބަލަހައްޓައިދީ ޓީމް މޮޅުކޮށްދީ މާލެއަށް ލަންދޫ ގެންގޮސް ދިނުމުގައި އެންމެ އިސްދައުރެއްއަދާކޮށްދެއްވީ ވައްސޭ ކަން މިފާހަގަކޮށްލަނީ ނުހަނު ޝުކުރުވެރިކަމާއި އެކުގައެވެ.

އަޅުގަނޑުމެން މިތިބީ ވައްސޭ އިސްނެންގެވި މިއިސްނެންގެވުމަށް މަރުޙަބާ ކިޔާ މިކަމުގައި ވައްސޭ އެދިލެއްވި ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދީ މިމުބާރާތަކީ ކާމިޔާބު މުބާރާތަކަށް ހެދުމަށް ތައްޔާރަށެވެ.

އަދިވެސް އެއްފަހަރު މިރަށުގެ ކުޅިވަރަށް ޚާއްޞަކޮށް ފުޓްބޯޅައަށް ވައްސޭ ތިޔަކޮށްދެއްވާ މަސައްކަތަށް ފަށްފަށުން ޝުކުރުއަދާކުރަމެވެ.

ބަނދަރު

ބޮޑުހިލަގެންނަންފަށައިފި



ލިޔުނީ : މޫސާ ޙުސެއިން / މިހާސް



ލަންދޫގައި މިހާރު ހަދަމުންދާ ބޭރުތޮށީގައި ޖެއްސުމަށް ހަމަޖެހިފައިވާ ބޮޑުހިލަތައް މިރަށަށް މިއަދު ގެންނަން ފަށައިފިއެވެ. އެމްޓީސީސީއިން މިމަސައްކަތުގައި އެންމެއިސްކޮށް ޙަރަކާތްތެރިވެލައްވާ ބޭފުޅަކުވިދާޅުވިގޮތުގައި މިއަދު މިގެނެވުނީ 300 ޓަނުގެ ބޮޑުހިލައެވެ.

މިވަގުތު ބަނަދަރުގައި ކުރެވެމުންދާ މަސައްކަތަކީ އެއްގަމު ތޮށިލުމުގެ މަސައްކަތެވެ. މިގޮތުން މިތޮށީގެ 400 ފޫޓް އެއްކޮށް ނިމިފައިވާ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ. މިތޮށިގަނޑުގައި މިހާރުނުނިމިވަނީ ގާތްގަޑަކަށް 200 ވަރަކަށް ފޫޓުގެ މަސައްކަތެވެ. އެއީ ތޮށީގެ އެއްއަރިމައްޗެވެ.

މިބަނދަރުގެ ކަނޑިންމައާއި ދިމާލުގެ އަރިމަތީގައިވަނީ 100 ފޫޓެވެ. އެއްގަމުގައި ( ދިގުމިނުގައި ) ވަނީ 300 ފޫޓެވެ. އަދި ކަނޑިންމަނޫން އަނެއްއަރިމަތީގައިވނީ 200 ފޫޓެވެ.

މިރަށަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދިނުމުގެ ގޮތުން ހެދެމުންމިދާ ބަނދަރުގެ މަސައްކަތް ކުރިއަށް މިއޮތް 3 މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭވަރުވޭނެކަމަށް އެމްޓީސީސީއިން މިމަސައްކަތުގައި އިސްކޮށް ޙަރަކާތްތެރިވެލެއްވުމަށް ދުރުވެހުންނެވި އިސްބޭފުޅާ ވިދާޅުވިއެވެ.

ލަންދޫގައި ހަދަމުންމިދާ ބަނދަރު ނުނިމުނަސް މިހާރުވެސް ލަންދޫގެ އޮޑިވެރިން ދަނީ މިބަނދަރުގެ ބޭނުންހިފަމުންނެވ.ެ

Monday, October 13, 2008

ހަކަތަ

އިންޖީނުގޭގެ މުވައްޒަފުންނަށް މުސާރަބޮޑުކޮށް، އިތުމުވައްޒަފަކު ހޯދުމަށް އިޢުލާންކޮށްފި


ލިޔުނީ : އަޙްމަދު ދާއޫދު


ލަންދޫރައްޔިތުންގެ އިންޖީނުގޭގައި ވަޒީފާއަދާކުރާ މުވައްޒަފުންނަށް އަނެއްކާވެސް މުސާރަބޮޑުކޮށްފިއެވެ. މިހާތަނާޖެހެންދެން މަހަކު -/1500 ރ. ދޭގޮތަށް އޮވެފައި މިދިޔަ ހުކުރުދުވަހުގެރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމަކުން ވަނީ މުވައްޒަފުންގެ މުސާރަ -/2000 ރ. އަށް ބޮޑުކޮށް އަދި އިތުރު މުވައްޒަފަކު ހޯދުމަށް އިޢުލާނުކޮށްފައެވެ.

ވޭތުވެތިޔަމަސްތަކުގައިވެސް އިންޖީނުގޭމުވައްޒަފުންނަށް މުސާރަބޮޑުކޮށްފައިވަނީ އެތާނގެ މުވައްޒަފުން މުސާރަ ބޮޑުކުރުމަށް އެދުމުންނެވެ. އަދި ކޮންމެފަހަރަކުވެސް މުސާރަ ބޮޑުކުރަންއެދެނީ މުސާރަބޮޑުނުކޮށްދީފިނަމަ ވަޒީފާއިން ވަކިވާނެކަމުގެ ބިރު ރައްޔިތުންނަށް ދައްކަމުންނެވެ. އެގޮތުން މިފަހަރުވެސް މުސާރަބޮޑުކުރުމަށް އެތާނގެ މުވައްޒަފުން އެދިފައިވަނީ އެތާނގެ މުވައްޒަފެއްކަމުގައިވާ ލަންދޫ ސަފާރީގެ މުޙައްމަދު އިރުޝާދު ވަޒީފާއިން ވަކިވާނެކަމުގެ ބިރު ރައްޔިތުންނަށް ދައްކާފައެވެ. ކޮންމެފަހަރަކުވެސް މިގޮތަށް ރައްޔިތުންނަށް ބިރުދެއްކުމުން މުސާރަބޮޑުުކުރުމަށް ރައްޔިތުން އެއްބަސްވަނީ އެވެ.

ކޮންމެފަހަރަކުވެސް މުސާރަބޮޑުކޮށްފާ މުވައްޒަފުންގެ ޤަވާޢިދާއި މަސްއޫލިއްޔަތާއި ޒިންމާތައް ވަރަށްރަގަޅަށް ސާފުކޮށްދީ އަދި ވަރަށްހަރުކަށި އަމުރުތައްވެސް މުވައްޒަފުންނާއި ދޭތެރޭ ރައްޔިތުން ނިންމައެވެ. ގަޑިންގަޑިން ބަރާބަރަށް ޑިޔުޓީ އަދާކުރޭތޯ ބެލުމަށް ރކ.ކޮމިޓީގެ ބޭފުޅުންނާއިވެސް ބައެއްފަހަރު ފަހަރު ޙަވާލުކުރައްވާ ހަދައެވެ. އަދި މިވަރުން ނުވެގެން އިންޖީނުގޭގައި ޑިޔުޓީ އަދާކުރޭތޯއާއި އެތާނގެ މުވައްޒަފުންގެ ކަންތައްތައް ބެލުމަށް ރަށުއޮފީސް ހިންގަވަން ހުންނަވާ ބޭފުޅާގެ އިތުރުން އެހެންމީހަކުވެސް މުސާރަދީފާ ހުންނަކަމަށް ވެއެވެ. ނަމަވެސް ހިތާމައަކީ ހިލޭސާބަހަށް އެއްވެސް އުޖޫރައަކާއި ނުލައި އިންޖީނުގެ ބަލަހައްޓައިދިން ބަޔަކު ބަލަހައްޓައިދިން ދުވަސްވަރެކޭ ، ބޮޑުމުސާރަދީފައި މުވައްޒަފުން ލައިގެން ޑިޔުޓީ ޓޭބަލާއި އެހެނިހެން ތާވަލްތައް ހަދައިގެން ބަލަހައްޓަމުން މިދާ ދުވަސްވަރެކޭ މާބޮޑުތަފާތެއްނެތުމެވެ. އެދުވަސްވަރުވެސް އިންޖީނު ގިނަފަހަރަށް ހުއްޓެނީ ތެޔޮހުސްވެގެންނެވެ. ތެޔޮއަޅަން ހަދާން ނެތިގެންނެވެ. ނުވަތަ ފިލްޓަރ ދާވެގެންނެވެ. މިހާރުވެސް މިވަނީ ހަމަ އެކަހަލަގޮތެކެވެ. އިންޖީނުތަކަށް މައްސަލައެއްދިމާވެގެން އިންޖީނުގެއަށް ރައްޔިތުން އެއްވެނިމޭއިރުވެސް ޑިޔުޓީގައި ހުރިބޭފުޅާ ބައެއްފަހަރަށް އާދެވެނީ އެންމެފަހުންނެވެ. ދާދި މިދާކަށްދުވަހުވެސް ރަށުގައި ހުރި އެންމެބޮޑު އިންޖީނު ރޭގަނޑު ދަންވަރު ނިވުނު ކަމަށްވަނީ ތެޔޮހުސްވެގެންނެވެ.

އަޅުގަނޑުގެ ވާހަކައަކީ މުސާރަބޮޑުކުރިއަސް އަދި އިތުރުމުވައްޒަފުން ލިޔަސް ހިންގުމުގެ ދާއިރާ ހަރުދަނާވެގެންނޫނީ ލަންދޫއިންޖީނުގޭގެ ކަންތައްތައް ރައްޔިތުން އެންމެހިތްއެދޭ ގޮތަކަށް ނުދާނެވާހަކައެވެ. މިޒަމާނަކީ ތިމާގެ މަސައްކަތް ބަލާނެ އެހެންމީހަކު ނެތިއްޔާ މަސައްކަތައް ފަރުވާކުޑަކުރެވޭ ތަން ވަރަށްކައިރީގައި އޮންނަޒަމާނެކެވެ.

އިންޖީނުގޭ ހިންގުމާއި ޙަވާލުވެހުންނަވަނީ ޒަމާނުއްސުރެ މިރަށުގައި އޮންނަ ސަޤާފަތެއްގެ މަތިން އެއިރެއްގައި އޮފީސްހިންގަވަން ހުންނަވާ ވެރިއެކެވެ. އެބޭފުޅާގެ ޒިންމާ ތަކާއި މަސްއޫލިއްޔަތުތައް އެބޭފުޅާގެ ވަޒީފާގެ ދާއިރާއިން އެންމެހައި ގިނައިރު މިފަދަ ޒިންމާދާރު ބޮޑުމަސައްކަތެއް އެފަދަބޭފުޅަކަށް ބެލެހެއްޓޭނީ ކޮންގޮތަކުން ބާއޭ އަޅުގަނޑުގެ ހިތަށް އަރައެވެ. އަދި އަޅުގަނޑު ދެކޭގޮތުގައި އެފަދަބޮޑު ޒިންމާއެއް އެފަދަބޭފުޅެއްގެ ބޮލުގައި އަޅުވަން މަރުހެޔޮނުވާނެއެވެ.

އެހެންކަމުން މިފުރުޞަތުގައި ލަންދޫގެ ހިންގުންތެރިވެރިންނަށާއި އެންމެހައި ރައްޔިތުންނަށް އަޅުގަނޑު ޚިޔާލެއް މިހުށައަޅަނީ ލަންދޫރައްޔިތުންގެއިންޖީނުގެ އަށް ލިބޭފައިސާ އެތަނުގެ މަރާމާތަށާއި ޚަރަދަށް އަދި މުވައްޒަފުންގެ މުސާރައަށް ގޮސް ހުސްވެ ލިބޭފައިދާ އަކަށް ވުރެ ގެއްލުންބޮޑުވެ އިންޖީނުގެ ނުހިންގޭ ހިސާބަށް ގޮސްފައިވާތީ އެކަމުގައި ރަގަޅުއަލިމަގެއް ފެނޭތޯ އެކަމުގެ އެދުމުގައެވެ.

އަޅުގަނޑުގެ ޚިޔާލަކީ ރަށުގައި އުފެދިފައިވާ ކުލަބު ޖަމިއްޔާ ތަކަށް ނުވަތަ އަމިއްލަ ކޮންމެވެސް ފަރުދަކަށް ވަކިޝަރުތަކެއްގެމަތިން އެގްރިމެންޓްކުރުމަށް ފަހު އިންޖީނުގެ ހިންގުން ( ކުއްޔަށް ) ޙަވާލުކުރުމެވެ. އަދި މިގޮތަށް ޙަވާލުކުރުމުގައި މިހާރުވެސް އިންޖީނުގެ ހިންގުމުގައި އެހީއަކަށް ސަރުކާރުއެދެއްވާ ފައިސާ ވެސް ވަކިހަމަތަކެއްގެ މަތިން އެބަޔަކާ ޙަވާލުކުރެވިދާނެއެވެ. އަދި މިނޫން އެހެން ރަގަޅުވިސްނުމެއްވެސް މިގޮތަށް ބަޔަކާޙަވާލުކުރާއިރު އޮވެދާނެއެވެ.

މިއީ ހަމަ ޚިޔާލެކެވެ. އަޅުގަނޑުވެސް އެދެނީ ތިޔަބޭފުޅުންނެކޭ އެއްފަދައިން ހުރިހާރޮގަނކުންވެސް ލަންދުއަށް ކުރިއެރުމާއި ތަރައްޤީއެވެ.

Saturday, October 11, 2008

ވިޔަފާރި

މުރިނގުސްޓޯރުގެ 3 ވަނަފިހާރަ ހުޅުވައިފި

ލިޔުނީ : އަޙްމަދު ދާޢޫދު



މިދިޔަ ހުކުރުދުވަހު ހެނދުނު 9:00 ގައި މުރިނގުސްޓޯރ 3 ގެ ނަމުގައި ޚާލިދު އަބޫބަކުރު އޭނައިގެ ވިޔާފާރީގެ ތެރެއަށް އިތުރު ކަސްޓަމަރުން ގެނައުމުގެ މަޤްޞަދުގައި ފިހާރައެއް ލަންދޫގައި ހުޅުވައިފިއެވެ. މިފަހަރުގެ ފިހާރަ ހުޅުވީ ލަންދޫ ނިޝާން އަލްފާޟިލް ޔޫސުފު އާދަމްގެ ގޭގައި ޔޫސުފު އާދަމް ޢިމާރާތް ކޮށްފައިވާ ކުޑަޢިމާރާތެއް ކުއްޔަށް ހިފާފައެވެ. ކޮންމެ މަހަކުވެސް އެކަށީގެންވާ އަދަދެއް ކުލީގެ ގޮތުގައި ޔޫސޭއަށް ދައްކާގޮތަށް މިފިހާރަމިހުޅުވީ ޚާލިދު އަބޫބަކުރު މަޢުލޫމާތު ދެއްވަމުން ބުނުއްވިއެވެ.

މުރިނުގު އެހެން ފިހާރަތަކުންވެސް ލިބެންހުންނަ ހުރިހާމުދަލެއް މިފިހާރައިންވެސް ލިބެންހުންނާ ނެ ކަމުގައި މަޢުލޫމާތުލިބިފައިވެއެވެ. އަދި އަގުތައް ވެސް އެހެންފިހާރަތަކަށް ވުރެ ހެޔޮވާނެކަމުގައިވެސް މިފިހާރައިގެ ސޭޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ އެއްފަރާތްކަމުގައިވާ މިރަށު ނަސްރު އަލްފާޟިލް ނަޞުރުﷲ އާދަމް ބުނުއްވިއެވެ.

މިފިހާރަރަހުޅުވުމުން 900 މީހުން އާބާދީގައި ކިރިޔަކިރިޔާ ހަމަވާ މިރަށުގައި މިހާރު އެވީ ޖުމުލަ 6 ފިހާރައެވެ. އެހެންކަމުން މިހާރު ވިޔަފާރިވެރިންގެ މެދުގައި މިވަނީ ފާޑެއްގެ ކޮމްޕެޓިޝަނެއް ތަޢާރަފު ވެފައެވެ. އެކަކު 20 ލާރި ހެޔޮކޮށްލިއްޔާ އަނެކަކު 25 ލާރި ހެޔޮކޮއްލާ ކަހަލަ ސިސްޓަަމެއް މިހާރު މިވަނީ މިރަށުގައިވެސް ޤާއިމްވެފައެވެ.

ތަންކޮޅެއްކުރީގައި ލަންދޫގައި ތަކެތީގެ އަގު ޢާއްމުން އަތްނުފޯރާ ހިސާބުގައި އުޅުނަސް މިހާރުދަންނަވަން ޖެހެނީ މާލެއެކޭ ވަކިމާބޮޑުތަފާތެއްނެއްކަމުގައެވެ. އަދި ހަމައެއާއެކު ޢާއްމު ދިރިއުޅުމަށް ބޭނުންވާ ގިނަސާމާނު މިހާރު މިރަށުން ލިބެންހުންނަކަމީވެސް އުފާކުރަންޖެހޭ ކަމެކެވެ

Monday, October 6, 2008

އަހަރެންގެ ވިސްނުން 19

ލިޔެސް، ކޮމިއުނިޓީ ޑިވެލޮޕްމަންޓް އޮގަނައިޒޭޝަންގެ މެންބަރަކަށް ވެއްޖެ.

ޙަފްޞީ ޢަބުދު ﷲ، ލަންދޫ



ލަންދޫ ޔޫތް އެންކަރޭޖިންގ ސޮސައިޓީ، ލިޔެސް ކޮމިއުނިޓީ ޑިވެލޮޕްމަންޓް އޮގަނައިޒޭޝަންގެ މެންބަރަކަށް ވެއްޖެއެވެ. އެއިދާރާގެ މެންބަރަކަށް ލިޔެސް ޖަމްއިއްޔާ ވީ މިއަދުއެވެ. ލިޔެސްގެ މެންބަރުކަން ޤަބޫލުކޮށްފައިވާކަމަށް ޖަމްއިއްޔާގެ މާލޭ ފޯކަލް ޕޮއިންޓްއަށް އެއިދާރާއިން މިއަދު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ކޮމިއުނިޓީ ޑިވެލޮޕްމަންޓް އޮގަނައިޒޭޝަން އަކީ ކްލަބް ޖަމްއިއްޔާތަކަށް އެހީވެދޭ ސަރުކާރުގެ މުއައްސަސާއެކެވެ. މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިންގާ އެއިދާރާގެ މައިގަނޑު އަދި އެންމެ މުޙިންމު ދައުރަކީ ކްލަބް ޖަމްއިއްޔާތަކުގެ އިދާރާ ނުވަތަ އޮފީސް އެޅުމުގައި އެހީތެރިވެދިނުމާއި، އޮފީސް އިމާރާތުގެ ފަރުނީޗަރ ފަދަ ކަންތައްތައް ހަމަޖެއްސުމެވެ. މިކަމަށް ވަކި ފޯމެއް ނަގައިގެން މަސައްކަތް ފެށުމުން އިއިދާރާއިން އެހީތެރިވެދޭނެކަމަށް މައުލޫމާތުލިބެއެވެ.

މިއީ ލަންދޫ ޒުވާނުން، ޖަމްއިއްޔާ ނަގާ ކޮޅަށް ޖެހުމަށް ކުރާ މަސައްކަތަށް ލިބޭނެ އިތުރު ހިތްވަރަކަށްވާނެކަމަށް އަޅުގަނޑު ދެކެމެވެ. އަދި ގެއްލިފައިވާ ރޫހު އާވެ އާ ދިރުމަކާއެކު ތެދުވެ ޖަމްއިއްޔާގެ ހައިބަތު ދައްކައިދޭނެ އޮފީސް އިމާރާތެއް އެޅުމަށް ކުރިއަށްވުރެ ބޮޑަތި މަސައްކަތްތަކެއް ފެށުމުގެ ވަގުތު ޖެހުނީކަމަށްވެސް އަޅުގަނޑު ދެކެމެވެ. އިރާދަކުރެއްވިއްޔާ މާދަމާ މާލޭގެ ފޯކަލް ޕޮއިންޓުން އެމަސައްކަތް ފަށާނެކަމުގެ ޔަޤީންކަން ހުރިހާ މެންބަރުންނަށް އަރުވަމެވެ. ހިންގާ ކޮމިޓީއާއި ހުރިހާ މެންބަރުންވެސް މިމަސައްކަތް އަވަސްކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގައި އަވަސް އެހީތެރިކަން ފޯރުވައިދޭނެކަމަށްވެސް އަޅުގަނޑު ޔަޤީންކުރަމެވެ.

ޑިނަރަނައިޓް

މިއަހަރުގެ ޓީޗަރުންގެ ދުވަސް ލަންދޫސްކޫލްގައި ފާހަގަކޮށްފި


ލިޔުނީ : އަޙްމަދު ދާއޫދު



މިއަހަރުގެ ޓީޗަރުންގެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރުމުގެ ގޮތުން އެސްކޫލްގެ ޕީޓީއޭއިން އެސްކޫލްގެ ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށްގެން ޑިނަރ ނައިޓެއް އެސްކޫލްގައި ބާއްވައިފިއެވެ. މިޑިނަރ ނައިޓްގައި އެސްކޫލްގެ ހުރިހާމުވައްޒަފުންނާއި ، ޕީޓީއޭގެ އެގްޒެކްޓިވް ކޮމެޓީގެ ހުރިހާބޭފުންޅުންބައިވެރިވިއެވެ. ޓީޗަރުންނަށް އެމީހުންގެ އަގުވަޒަންކުރާ ކަން ހާމަކޮށްދިނުމުގެ ގޮތުންނާއި ޓީޗަރުންގެ އަގުހުރި މަސައްކަތަށް ހިތްވަރުދިނުމުގެ ގޮތުންނާއި ސްކޫލްގެ ހުރިހާމުވައްޒަފުންނާއި ، ސްކޫލް ހިންގުމުގައި ވަރަށް ބޮޑުޙިއްސާއެއް އަދާކުރަމުންދާ އެސްކޫލްގެ ޕީޓީއޭ ގެ ހިންގާ ކޮމިޓީގެ އެންމެހައި ބޭފުޅުންނާއި އެކު އެއްސުފުރާއަކުން ބައްދަލުކޮށް ލުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ބޭއްވި މިޑިނަރަނައިޓަކީ ވަރަށްއުފާވެރި ޖައްވެއްގައި ބޭއްވިގެންދިޔަ ޑިނަރަނައިޓެއްކަމަށް އެސްކޫލުން މަޢުލޫމާތު ދެއްވައެވެ.

ޖުމުލަ 38 މުއައްޒަފުންނާއި އެކު ކުރިއަށްދާ ލަންދޫސްކޫލަކީ ޢުމުރާނީ ގޮތުންނާއި ތަޢުލީމީ ގޮތުން ކައިރި ހިސާބުގެ ރައްތަކާއި ފައިހަމަކޮށްލެވޭ ވަރުގެ ސްކޫލެއްކަން މިހާރުވަނީ އެސްކޫލުން ސާބިތުކޮށްދީފައެވެ. އެގޮތުން ވޭތުވެދިޔައަހަރު އައިޖީސީ އެސްސީއާއި ޖީސީއީ އަދި އެސްއެސްސީ އިމްތިހާންގއި އެސްކޫލުން ހޯދިކާމިޔާބީ އަކީ ފުދޭވަރެއްގެ ރަގަޅުކާމިޔާބެކެވެ. އެސްކޫލުންވަނީ ވޭތުވެދިޔައަހަރު ގްރޭޑް 10 ގެ ހުރިހާދަރިވަރުން ވެސް ކޮންމެދަރިވަރަކު އިންޓަރނޭޝަނަލް ކޮންމެވެސް އެއް އެގްޒާމަކުން / މާއްދާއަކުން ފާސްކުރުވާފައެވެ.

މިއަހަރުވެސް އެސްކޫލްގެ އަމާޒަކަށް ވެފައިވަނީ ވޭތުވެދިޔަ އަހަރުގެ އޭޕީ ސްކޯއަށް ވުރެ މިއަހަރުގެ ސްކޯ މައްޗަށްޖެއްސުމެވެ.ލަންދޫ އިންފޯއިންވެސް އެދެނީ ލަންދޫސްކޫލަށާއި ލަންދޫގެ ތަޢުލީމަށް ކުރިއެރުމާއި ފާގަތިކަމެވެ.

Friday, October 3, 2008

މާޅެންދޫމެޗް

2-0 ން ލަންދޫއަތުން މާޅެންދޫ ބަލިވެއްޖެ

ލިޔުނީ : އަހްމަދު ދާއޫދު




ފިތުރު ޢީދުގެ އުފާކުލަގަދަގޮތެއްގައި ފާޅުކުރުމުގެ ގޮތުން ލަންދޫ ޔޫތުއެންކަރޭޖިން ސޮސައިޓީގެ ފަރާތުން އިންތިޒާމްކޮށްގެން މިއަތޮޅު މާޅެންދޫ ޒުވާނުންގެ ފުޓްބޯޅަޓީމަކާއި ލަންދޫޒުވާނުންގެ ފުޓްބޯޅަޓީމަކާއި މިއަދު ހަވީރު ލަންދޫރައްޔިތުންގެ ފުޓްބޯޅަދަނޑުގައި ބައްދަލުކުރިމެޗް 2-0 ން ލަންދޫޒުވާނުންގެ ފުޓްބޯޅަޓީމް ވަރަށްފަސޭހަކަމާއި އެކު ކާމިޔާބުކޮށްފިއެވެ.

އޭގެކުރީދުވަހު ލަންދޫދަނޑުގައި ކުޅެވުނު ކުޅުދޫ މެޗާއި ބަލާއިރު މާޅެންދޫމެޗް ފެނިގެންދިޔައީ ވަރަށްފަސޭހަމެޗެއްގެ ގޮތުގައެވެ. މީގެކުރިން ލަންދުއާއި މާޅެންދޫ ބައްދަލުކުރި މެޗްތަކުން އެންމެފަހަރަކު ނޫނީ މާޅެންދުއަށް އެއްވަރުވެސް ކުރެވިފައިނުވެ ގިނަމެޗްތަކުން ލަންދޫމޮޅުވެފައިވީނަމަވެސް މާޅެންދޫމެޗްތަކަކީ ލަންދުއަށް މާފަސޭހަމެޗްތަކެކޭ ނުދެންނެވޭއެވެ.

ފެށުނީއްސުރެވެސް ލަންދުއާއި މާޅެންދުއަކީ އެކި ކަންކަމުގައި ޚާއްޞަކޮށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ އެހެނިހެން ޙަރަކާތްތަކުގައި ވަރަށްވާދަވެރި ދެރަށެވެ. އެހެންކަމުން ދެރަށްވާދައަށް ކުޅެވޭ ކުޅިވަރު ތަކުގައި މީގެއަހަރުތަކެއް ކުރިން ކޮންމެވެސް ގޮތަކުން އޮންނަނީ ހަމަނުޖެހުމަކާއި ހަމައަށްއައިސްފައެވެ. ނަމަވެސް އުފަލާއިއެކު ދަންނަވަންޖެހެނީ މިފަހަކަށްއައިސް މިފަދައެއްވެސް ކަހަލަ ކަމެއް ނުހިނގާ މެޗްތައް ނިމެމުން ދާވަހަކައެވެ. އެގޮތުން މިއަދުގެ މެޗްވެސް ނިމިނގެންދިޔައީ ވަރަށް އަމާންކަމާއި އެކު ދެޓީމުން ވެސް ދެއްކި ރީތި ފެއަރޕްލޭ ޙަރަކާތްތަކަކާއި އެކުގައެވ.ެ

ކުޅުދޫމެޗްގައިވެސް މެޗްގެ ރަނިންކޮމެންޓްރީ ގެނެސްދީފައިވަނީ ކުޅުދޫބޭފުޅެކެވެ. މިމެޗްގައިވެސް މެޗް ކުޅެމުންދިޔައިރު ލައުޑްސްޕީކަރުން މެޗްގެ އޮއިވަރު ސަޕޯޓަރުންނަށް އިއްވައިދެއްވީ މާޅެންދޫ ކޯޓްގެ ކްލާކް އަޙްމަދެވެ. ދޭތެރެއަކުން މާޅެންދޫގައި ދިރިއުޅޭ ލަންދޫ ޢަލީވެެސް ރަނިންކޮމެންޓްރީ ގެނެސްދިން އަޑުއިވިގެންދިޔައެވެ.

ގިނަޢަދަދެއްގެ ރައްޔިތުން ދެރަށުންވެސް މެޗްބެއްލެވުމަށް ދަނޑަށް ޙާޟިރުވެލެއްވި މިމެޗްގައި ޖެހިދެލަނޑުވެސް ޖަހައިދީފައިވަނީ އެކެއްގެ ދެދަރިންނެވެ. ފުރަތަމަލަނޑުޖަހައިދިނީ އަޙްމަދު ރަޝީދު ( ލައިބު ) އެވެ. ދެވަނަލަނޑުޖަހައިދިނީ މަޝްހޫރު ފޯވަޑު ޔޫސުފްޢަބުދުއްރަޙިމް ( ޔޫއްޓޭ )އެވެ.

Thursday, October 2, 2008

ސްޓެޖްޝޮވް

ފިޠުރުޢީދު ފާހަގަކުރުމުގެ ގޮތުން ސްޓޭޖްޝޯވ އެއް ބާއްވައިފި

ލިޔުނީ : އަޙްމަދު ދާއޫދު

މިއަހަރުގެ އުފާވެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ޢީދު ފާހަގަކުރުމުގެ ގޮތުން ލަންދޫ ޔޫތުއެންކަރޭޖިން ސޮސައިޓީ ( ލިޔެސް ) ގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން ޢީދުދުވަހުގެ ރޭ ލަންދޫ ރައްޔިތުންގެ ސްޓޭޖްގައި ޝޯވއެއްދީފިއެވެ. މިޝޯވގެ އިތުރުން އީދުދެވަނަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވަންޑޭ ކަޕް ވޮލީ މުބާރާތަކީވެސް ވަރަށްފޯރިގަަދަވެގެންދާނެ މުބާރާތެކެވެ.

ތަފާތު އެކިއެކި އައިޓަމްތައް ހިމަނައިގެން ކުރިއަށްގެންދިޔަ ސްޓޭޖްޝޯބަލަން ފުދޭވަރަކަށް ގިނައިން މީހުން އައެވެ. ޝޯވ އެނައުންސްކުރުމުގައި ލަންދޫ އަސަރީގެ އަލްފާޟިލް ޢަބުދުލްޢަޒީޒް އަބޫބުކުރު ޙަރާކާތްތެރިވެލެއްވި މިޝޯވގައި އަދި މިހާތަނަށް ލަންދޫއިން ޢާއްމުކޮށް ނުފެންނަ ފަންނާނުން ފެނިގެންގެންދިޔައެވެ. އެގޮތުން ޔޫސުފު އަބުދުއްރަހީމް ( ޔޫއްޓޭ )ހުށަހަޅައިދިން ލަވަޔާއި، ސަލީމް ހުސެއިން ( މެއްޑޯ ) ގެނެސްދިން އައިޓަމް "ސިޔާސީފެންޑާ" ފާހަގަވެގެންދިޔައެވެ. މީގެ އިތުރުން ނަޢުޝާދު ޢަބުދުއްރަޙީމް އާއި މޫރިތިވަސީމް ވެސް ލަވަކިޔުއްވާ ލަވަހުށައިދިނެވެ.

ވިނަރެސް އަޙްމަދު ރަޝީދު ( ލައިބް ) އިސްވެހުންނަވައިގެން ގެނެސްދިން ލަވަސެޓަކީ މުޅިޝޯވއިންވެސް އެންމެފާހަގަކޮށްލެވުނު ހުނަރުވެރި އައިޓަމޭދެންނެވިދާނެއެވެ . މިއައިޓަމްގައި ފެނިގެންދިޔަ ނެށުންތެރިންގެ ތެރޭގައި އިރުޝާދު ( ރެޑޭ ) ، ޝިމާލު ( ސިމައްޓޭ ) ، އިސްމައީލް ( ފޮނިސަމަދު ) ، އަދި ވެސް ލިޔެސް ޖަމްޢިއްޔާއިން އަލަށް ތަޢާރަފްކުރި ފަންނާނުން މިއައިޓަމްގައި ހިމެނިގެންދިޔައެވެ.

މިފަހަކަށްއައިސް ލަންދޫ ލިޔެސް ޖަމްޢިއްޔައިން ކުރިއަށްގެންދާ މިފަދަ ޙަރަކާތްތަކަކީ މިޖަމްޢިއްޔާގެ އިސްސަފުގައި މިވަގުތު ތިއްބެވި ޒުވާން ހިންގުންތެރިންނަށް ޝުކުރު ޙައްޤުވާފަދަ ޙަރަކާތްތަކެކެވެ. ރަށުގައި އިތުރު އެހެންޖަމްޢިއްޔާއެއް އުފެދިފައިވާއިރު މިފަދަ އެއްވެސް ހަރަކާތެއްގައި ލަންދޫޔޫތު އެންކަރޭޖިން ސޮސައިޓީން ފިޔަވާ ހަރަކާތްތެރިވާތަން މިފަހަކަށްއައިސް ނުފެނެއެވެ.

ލަންދޫ ޔޫތު އެންކަރޭޖިން ސޮސައިޓީން ލަންދޫގެ ރައްޔިތުންނަށް ލާބަޔާ މަންފާ ލިބިދެނިވި އިތުރު ގިނަ ކަންތައްތައްތަކެއް މުސްތަޤުބަލްގައިވެސް ފެނިގެން ދާނެކަމީ ޝައްކެތް އޮތްކަމެއްނޫންކަން މިހާރު މިފެންނަކުލަވަރުތަކުން ވަރަށްރަގަޅަށް ސާބިތުވެއެވެ.

Wednesday, October 1, 2008

ކުޅުދޫމެޗް

ކުޅުދޫ – ލަންދޫ ބައްދަލުކުރި މެޗް 90 މިނިޓް ހަމަނުވަނިސް ހުއްޓާލަންޖެހިއްޖެ

ލިޔުނ: އަޙްމަދު ދާއޫދު

ލަންދޫޔޫތު އެންކަރޭޖިން ސޮސައިޓީ ( ލިޔެސް ) އިން އިންތިޒާމްކޮށްގެން ފިޠުރު ޢީދު ފާހަގަކުރުމުގެ ގޮތުން ކެނދިކުޅުދޫ ( ކުޅުދޫ ) އަވަށު ޒުވާނުންނާއި ލަންދޫ ޒުވާނުންގެ މެދުގައި ލަންދޫގައި މިއަދު ހަވީރު ކުޅެވުނު ފުޓްބޯޅަމެޗް 90 މިނިޓް ހަމަނުވަނިސް ހުއްޓާލަންޖެހިއްޖެއެވެ.

ޢީދުގެ ފުރަތަމަދުވަހު ހަވީރު 4:00 ގައި ފެށިގެންދިޔަ މިމެޗްގެ ގާތްގަޑަކަށް 75 މިނިޓް ގެ ކުޅުން ނިމިފައިވަނިކޮށް ކުއްލިއަކަށް ފެނިގެންދިޔައީ ކުޅުދޫ ފުޓްބޯޅަޓީމްގެ ކޯޗެއްގެ ހައިޞިއްޔަތުން ޓީމާއި އެކު ލަންދުއަށް ދުރުވި އެރަށު ޢަލީ ރިޟާ ކުއްލިއަކަށް އެބޭފުޅާގެ އަތުގެ އިޝާރާތުން ޓީމަށް ދަނޑުން ވަގުތުން ފޭބުމަށް އެންގިތަނެވެ.

ކުރިންލަންދޫހެލްތްސެންޓަރ ހިންގުމާއި ޙަވާލުވެހުންނެވި ކޮމިއުނިޓީ ހެލްތް ވޯކަރ އަލްފާޟިލް ޢަލީ ރިޟާ ކުއްލިއަކަށް ޓީމުދަނޑުބޭލީ ކީއްވެތޯ އަޅުގަނޑު އަހާލުމުން ވިދާޅުވީ މެޗްގެ ރެފްރީ ( ފިއްޓޭ ) ގެ ނިންމުން ތަކާމެދު ހިތްހަމަނުޖެހޭތީއެވެ. ކޮންކޮން ނިންމުން ތަކަކާތޯ ހިތްހަމަޖެހިނުލައްވަނީ އަހާލުމުން ބުނުއްވީ ފަހުހާފު ފެށިގެން ގާތްގަޑަކަށް 15 މިނިޓްތެރޭގައި ލަންދޫގޯލްއޭރިޔާތެރެއިން ލަންދޫޓީމްގެ ކުޅުންތެރިއަކު ހޭންޑުވުމުން ޕެނެލްޓީ ނުދިނުމާއި، އަދި އޭގެ 5 ވަރަކަށް މިނިޓްފަހުން ކުޅުދޫ ޓީމް ގެ ލަންޑެއް ލަންދޫގެ ގޯލްތެރެއަށް ވައްދާލުމުން އޮފްސައިޑް ލަނޑަކަށް ނިންމުންވެސް އެއީ ކުޅުދޫޓީމުން ރެފްރީ އާއި ދޭތެރޭ ހިތްހަމަނުޖެހޭ ނިންމުމެއްކަމަށް ލަންދޫގެވަރަށް ގިނަބަޔަކު ދަންނަ ކުޅުދޫ ޢަލީ ރިޟާ ވަރަށް ސާބިތުކަމާއި އެކު ލަންދޫ ރައްޔިތުންގެ ފުޓްބޯޅަދަނޑުގައި ރެފްރީފިއްޓޭ އާއި ހިތްހަމަނުޖެހޭ ކަން ފާޅުކުރައްވަމުން ބުނުއްވިއެވެ.

ކޮންމެއަކަސް މެޗްފެށުނީއްސުރެ ނިމެންދެންވެސް އަޅުގަނޑުމެން ލަންދޫއިންފޯގެފަރާތުން މެޗްބަލަމުން ނާއި ދިމާވާ މައްސަލަތައް އެނަލިސް ކުރަމުން ގެންދިޔައިމެވެ. މެޗް ފެށީ ލަންދޫޓީމްގެ ވަރަށް މުހިއްމު ކުޅުންތެރިންތަކެއް ފުރަތަމަ އެގާރައިގާ ނުހިމަނާކަން ފާހަގަކުރެވުނެވެ. އެގޮތުން ޔޫއްޓޭ، އާއި ރެޑޭ އަދި ސިޔާންޓޭ މެންކަހަލަ މަޝްހޫރު ކުޅުންތެރިންތަކެއް ދަނޑުބޭރުގައި ތިއްބާ ފެނުނެވެ. އޭގެނަތީޖާއެއްގެގޮތުން މެޗްގެ ފުރަތަމަ 2 ލަނޑު ޖެހީ ކުޅުދޫ ޓީމުންނެވެ. ކުޅުދޫޓީމުގެ ކުޅުން ވަރަށް ބޮޑުތަން ރަގަޅުކަމަށް ފާހަގަކުރެވިފައިވަނިކޮށް ލަންދޫޓީމުގެ ޔޫއްޓޭ އާއި ރެޑޭ ކުޅުމުގެ ތެރެއަށް ނިކުތުމުން މެޗްގެ އޮއިވަރު ކުއްލިއަކަށް ބަދަލުވެގެންދިޔައެވ.ެ އޭގެ ނަތީޖާއެއްގެ ގޮތުން ލަންދޫޓީމުންވެސް ޖެހިޖެހިގެން ކަހަލަގޮތަކަށް 2 ގޯލްޖެހިއެވެ. ފުރަތަމަގޯލްޖެހީ ޝިނާން އެވެ. ދެވަނގޯލްޖެހީ ޔޫއްޓޭއެވެ. އޭގެފަހުން އަނެއްކާ ކުޅުދޫ ޓީމުން ލަނޑެއްޖަހާ މެޗްގެސްކޯ 3-2 ށް ބަދަލުވިއެވ.ެ އަނެއްކާވެސް ލަންދޫޓީމުން ލަނޑެއްޖަހާ ފުރަތަމަ ހާފްނިމުނުއިރު ސްކޯއޮތީ 3-3 ގައެވެ. ފަހުހާފު ފަށައިގެން 35 މިނިޓް ވަރު ކުޅެވިފައިވަނިކޮށް ކުރިންފާހަގަކުރެވިފައިވާ މައްސަލަތައްދިމާވެގެން މެޗްހުއްޓާލިއިރު ލަންދޫޓީމުން އޮތީ އިތުރުލަނޑެއްގެ ލީޑަކާއި އެކު 4-3 ން މެޗްގެ ކުރިހޯދާފައެވެ. އެކި ގޮތްގޮތުން ކުޅުދޫ ޓީމުގެ ކުޅުންތެރިންނަށް މެޗްކުޅުމަށް ނަސޭޙަތްދީވެސް ކުޅުން ކުރިއަށް ނުނެގެންގޮސްގެން ރެފްރީ މެޗްނިންމަލީކަން އިއުލާންކުރިއިރު މެޗްގެ ސްކޯއަކީ 4-3 ން ލަންދޫ މޮޅުވުމެވެ.

ލަންދޫރައްޔިތުްންގެ ވަރަށްގިނަޢަދަދެއްގެ މީހުން ކުޅިބަލަން ޙާޟިރުވެލެއްވި މިމެޗް ގައި އެއްވެސް ކަހަލަ ތަޅާފޮޅުމެއް ހިނގާ އެކަކު އަނެއްކަކަށް ރުޅިއައިސްގެން ޒުވާބުކޮށްހަދާފައެވެސް ނުވެއެވެ. ކުޅުދޫ ކުޅުންތެރިން ދަނޑުންފޭބީ ވަރަށް ރީތިގޮތުގައި ބަލިޤަބޫލުކޮށްފީމޭ އެކަމަކު ރެފްރީގެ ނިންމުން ތަކަކާ ހިތްހަމަނުޖެހެއޭ ބުނަމުންނެވ.ެ

ލިޔެސް ޖަމުޢިއްުޔާއިން ވަރަށް އޮގްނައިޒްކޮށް ރާވާލި މިމެޗްގައި ރަނިންކޮމެންޓްރީވެސް ވަރަށް ފުރިހަމައަށް އަޑުގަދަކުރާއިން އިއްވަމުން ދިޔައެވެ. ކޮމެންޓްރީ ގެނެސްދިނީ މިކަންކުރުމުގައި މިހިސާބުގަނޑުގެ މަޝްހޫރުކަން ހޯދާފައިވާ ކުޅުދޫގެ ބޭފުޅެއްކަމުގައިވާ ވާސިފުއެވެ. އޭނާ ގެ ރަނިންކޮމެންޓްރީ ވަރަށްފުރިހަމަކަން މިފުރުޞަތުގައިފާހަގަކުރަމެވެ.

އެއްފަރާތު ލައިންސްމަނެއްގެ ގޮތުގައި ލަންދޫގެ މަޝްހޫރުރެފްރީއެއްކަމުގައިވާ އަޙްމަދު މުހައްމަދު ( ޕަޓޭ ) އަދި އަނެއްފަރާތުގައި މުމްތާޒު އަބޫބަކުރު ( މުންތޭ ) ލައިންސްމަނެއްގެ ގޮތުގައި ހުރެގެން ކުރިއަށްގެންދިޔަ މިމެޗްގެ ކުޅުންތެރިންގެ ކުޅުމުގެ ފެންވަރަށް ބަލާލާއިރު މިފަހަކަށްއައިސް ލަންދޫޓީމުން ދައްކަމުން އައި ޕަރފޯމަންސް މިމެޗްގައި ވަރަށްދަށްކަމަށް ފާހަގަކުރެވުނެވެ. އަދި އިންޑިވިޖުއަލް ކުޅުންތެރިންގެ ތެރެއިން އެވްރެޖް ކުޅުންތެރިންގެ ކުޅުމުގެ ފެންވަރުވެސް ކުރީގެ މެޗްތަކަށްވުރެ ދަށްކަމަށް ފާހަގަކުރެވިފައިވެއެވެ.

ލަންދޫޔޫތުއެންކަރޭޖިން ސޮސައިޓީ ( ލިޔެސް ) އިން މިއަހަރުގެ ކުޑަޢީދު ވަރަށްކުލަގަދަކޮށް ފާހަގަކުރަމުން ދާކަން މިފުރުޞަތުގައި ޝުކުރުވެރިކަމާއިއެކު ލަންދޫއިންފޯގެ ފަރާތުން ފާހަގަކުރަމެވެ. އެގޮތުން މިރޭ ސްޓޭޖް ޝޯވ އެއް ދިނުމަށް ހަމަޖެހިފައިވާއިރު މާދަމާ ވަންޑެކަޕް ވޮލީ މުބާރާތެއް ވެސް ބާއްވާގޮތަށް ރޭވިފައިވާކަންވެސް ލަންދޫއިންފޯއަށް އެނގިފައިވެއެވެ. ލަންދޫގެ ޒުވާނުން ދެޖަމްޢިއްޔާ ރަޖިސްޓަރީވެފައިވާއިރު މިފަހަކަށްއައިސް ލަންދޫގެ ކޮންމެ މިފަދަ އިޖްތިމާއީ ކަމެއްގައި ޙަރަކާތްތެރިވާތަން މިފެންނަ ވަރަށްފަހުން ރަޖިސްޓަރީ ކުރެވިފައިވާ ލިޔެސްޖަމްޢިއްޔާ އިންނެވެ.