Wednesday, October 15, 2008

ހަކަތަ

މުވައްޒަފުންގެ މުސާރަ -/2500ރ. އަށް ބޮޑުކޮށްފި


ލިޔުނީ : އަޙްމަދު ދާއޫދު




ލަންދޫރައްޔިތުންގެ އިންޖީނުގޭގެ މުވައްޒަފުންގެ މުސާރަ އަނެއްކާވެސް ބޮޑުކޮށްފިއެވެ. މިފަހަރު މުސާރަބޮޑުމިކުރީ މިދިޔަ ހުކުރުދުވަހުގެރޭ ބޭއްވި ރައްޔިތު ފިރިހެނުންގެ ބައްދަލުވުމަކުން އިންޖީނުގޭ މުވައްޒަފުންގެ މުސާރަ -/2000ރ. ބޮޑުކޮށްފާ އިތުރު މުވައްޒަފަކު ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލައިފާ ނުވާތީ ކަމަށް މަޢުލޫމާތު ލިބެއެވެ.

މިވަގުތު އިންޖީނުގޭގައި ވަޒީފާ އަދާކުރަމުންދާ 2 މުވައްޒަފުންގެ ތެރެއިން ލަންދޫ ސަފާރީގެ އަލްފާޟިލް މުޙައްމަދު އިރުޝާދު ވަޒީފާއިން ވަކިވުމަށް އެދިފައިވާތީ އާއި އަނެއްމުވައްޒަފު ލަންދޫ ނިވައިދަށުގެ އަލްފާޟިލް ޢަބުދުލް މުޙްސިން އާދަމް ކުއްލިގޮތެއްގައި ވަޒީފާ ދޫކޮށްލައްވާ ރިސޯޓަކުން ޖޮބެއްހަމަޖެހިގެން ރަށުންފުރައިގެން ދިޔުމުން މިހާރު ވަގުތީގޮތުން އިންޖީނުތައް ބަލަހައްޓައިދެނީ މިރަށުހުދުވެލި ޢަބުދުލް ޣަނީ ޢުމަރެވެ. ގާނާ އަކީ މީގެ ކުރިންވެސް ގާތްގަޑަކަށް ހަތަރުވަރަކަށް އަހަރު އިންޖީނުގޭގައި ވަޒީފާ އަދާކޮށްފައިވާ ތަޖްރިބާހުރިބޭފުޅެކެވެ.

ފެށުނީއްސުރެވެސް ލަންދޫރައްޔިތުންގެ އިންޖީނުގޭގައި މުވައްޒަފުން ހަރުނުލާ މައްސަލައަކީ ލަންދޫރައްޔިތުންނަށް އިހްސާސްކުރަންޖެހިފައިވާ އަދި ވިސްނަންޖެހިފައިވާ މައްސަލައެކެވެ. ގިނަބަޔަކު ޤަބޫލްކުރާގޮތުގައި ވަޒީފާ ދޫކޮށްލައިފާ މުވައްޒަފުން ދާން މިޖެހެނީ މުސާރައިގެ މައްސަލައިގައެވެ. މުސާރަކުޑަވަނީއެވެ. ނަމަވެސް ދަންނަވަންޖެހެނީ ކުރަންޖެހޭ މަސައްކަތާ ބަލާއިރު އަދި އިންޖީނުގެއަށް ލިބޭ އާމްދަނީ އާއި ކުރަންޖެހޭ ޚަރަދަށް ބަލާއިރު މުވައްޒަފުންގެ މުސާރަބޮޑުކުރުމަކީ މާފަސޭހަކަމެއް ނޫންކަމުގައެވެ. ނަމަވެސް މިދަތިތައް ހުރުމާއިއެކުވެސް އެކިދުވަސްދުވަރުގައި އިންޖީނުގޭގެ މުވައްޒަފުންގެ މުސާރަ ދަނީ ބޮޑުވެސް ކޮށްދެމުންނެވެ.

ކޮންމެ މުވައްޒަފަކުވެސް ވަޒީފާއަށް ކުރިމަތިލައިގެން ވަޒީފާއަށް ވަންނަނީ މުސާރައާއި ދޭތެރޭ ހިތްހަމަޖެހިގެންނެވެ. ނަމަވެސް މުސާރަކުޑައޭ ކިޔާފާ 2 މަސްވެސް ނުވަނީސް މުވައްޒަފުން ވަޒީފާއިން ވަކިވަނީ އެވެ. އަދި މުސާރަބޮޑުކޮށްދިނުމަށް އެދި ޝަކުވާ ކުރަންފަށަނީއެވެ. މިހެންކަންތައް ވާންމިދިމާވަނި ކީއްވެތޯ ވިސްނާލަން މިހާރުއެބަޖެހެއެވެ. އަޅުގަނޑަށް ވިސްނޭގޮތުގައި ޢަމަލުކުރަން މިފެށުނު އައު ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ވަޒީފާއާއި ބެހޭ ޤާނޫނުގައި އެބުނާ ކަންތައްތައް އަޅުގަނޑުމެންވެސް ފޮލޯ ކުރަންފަށަންވީއެވ.ެ މުވައްޒަފުންނަށް ދޭންޖެހޭ ޙައްޤުތައްވެސް ދޭންވީއެވެ. އަދި ދެފަރާތް އެއްވަސްވާ އެގްރީމެންޓެއްވެސް ހަދާ އެގްރީމެންޓްގައި ވަކިމުއްދަތެއްހަމަނުވަނީސް ވަޒީފާއިން ވަކިނުވެވޭ ގޮތަށް ވެސް ކަނޑައަޅަންވީއެވެ.

މިފަދަ ގޮތަކަށްވިސްނައި ނުލައި ނުވަތަ ހިންގުމުގެ ދާއިރާ ހަރުދަނާ ކުރުމަކާއިނުލައި ރ.ކ ކޮމިޓީގެ ޖަލްސާއަކުން މުވައްޒަފުންގެ މުސާރަބޮޑުކުރިއަކަސް މިކަންހައްލެއްނުވާނެއެވެ. މީގެ ކުރީގައި މުވައްޒަފުންގެ މުސާރަ ކިތަންމެ ކުޑަތައްކޮޅެއް ބޮޑުކުރަންވިޔަސް ކުޑަކުރަންވިޔަސް ރައްޔިތުންގެ ރުހުންލިބިގެންނޫނީ މުސާރައަކަށް ބަދަލެއްނުގެނެއެވެ. ނަމަވެސް މިފަހަރު މިވީގޮތަކީ ރައްޔިތުން -/2000ރ. އަށް މުވައްޒަފުންގެ މުސާރަ ނިންމާފައި ވަނިކޮށް ރކ. ކޮމިޓީގެ ބޭފުޅުން ގެ ޖަލްސާއަކުން ރައްޔިތުންނާ މަޝްވަރާ ކޮށްލުމަކާ ނުލައި މުސާރަ ބޮޑުކޮށްލީއެވެ. ރައްޔިތުންނާ މަޝްވަރާ ނުކުރެއްވީ ކީއްވެތޯ ރކ. ކޮމިޓީގެ ބޭފުޅަކު ކައިރީ އަހާލުމުން ބުނުއްވީ -/2000ރ. އަށް މީހަކު ނުލިބުމުން -/500 ރ. އިތުކުރީކަމުގައެވެ. އަދި -/2500ރ. އަށް މީހަކު ނުލިބިއްޖެނަމަ ރައްޔިތުންނާ ބައްދަލު ކޮށްފާ ނޫނީ ދެންއިތުރަށް މުސާރަ ބޮޑުނުކުރަން ކޮމިޓީގެ އިއްތިފާޤުން ފާސްވީމާ އެގޮތަށް ހަދަންޖެހުނީ ކަމުގައެވެ.

އަޅުގަނޑު ދެކޭގޮތުގައި މިއީ މުޅިންރަގަޅުވިސްނުމެއްނޫނެވެ. ވަރަށްފަސޭހައިން ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ ޚިޔާލު ހޯދެން ހުންނަ މިފަދަކަން ކަމުގައި ރައްޔިތުންގެ ޚިޔާލު ނުހޯދާ ނިންމައިގެންނުވާނެއެވެ. އެއީ ހަމަ ރަށުހުރިހާ ރައްޔިތުންގެ ޙައްޤެކެވެ.

No comments: