Monday, October 13, 2008

ހަކަތަ

އިންޖީނުގޭގެ މުވައްޒަފުންނަށް މުސާރަބޮޑުކޮށް، އިތުމުވައްޒަފަކު ހޯދުމަށް އިޢުލާންކޮށްފި


ލިޔުނީ : އަޙްމަދު ދާއޫދު


ލަންދޫރައްޔިތުންގެ އިންޖީނުގޭގައި ވަޒީފާއަދާކުރާ މުވައްޒަފުންނަށް އަނެއްކާވެސް މުސާރަބޮޑުކޮށްފިއެވެ. މިހާތަނާޖެހެންދެން މަހަކު -/1500 ރ. ދޭގޮތަށް އޮވެފައި މިދިޔަ ހުކުރުދުވަހުގެރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމަކުން ވަނީ މުވައްޒަފުންގެ މުސާރަ -/2000 ރ. އަށް ބޮޑުކޮށް އަދި އިތުރު މުވައްޒަފަކު ހޯދުމަށް އިޢުލާނުކޮށްފައެވެ.

ވޭތުވެތިޔަމަސްތަކުގައިވެސް އިންޖީނުގޭމުވައްޒަފުންނަށް މުސާރަބޮޑުކޮށްފައިވަނީ އެތާނގެ މުވައްޒަފުން މުސާރަ ބޮޑުކުރުމަށް އެދުމުންނެވެ. އަދި ކޮންމެފަހަރަކުވެސް މުސާރަ ބޮޑުކުރަންއެދެނީ މުސާރަބޮޑުނުކޮށްދީފިނަމަ ވަޒީފާއިން ވަކިވާނެކަމުގެ ބިރު ރައްޔިތުންނަށް ދައްކަމުންނެވެ. އެގޮތުން މިފަހަރުވެސް މުސާރަބޮޑުކުރުމަށް އެތާނގެ މުވައްޒަފުން އެދިފައިވަނީ އެތާނގެ މުވައްޒަފެއްކަމުގައިވާ ލަންދޫ ސަފާރީގެ މުޙައްމަދު އިރުޝާދު ވަޒީފާއިން ވަކިވާނެކަމުގެ ބިރު ރައްޔިތުންނަށް ދައްކާފައެވެ. ކޮންމެފަހަރަކުވެސް މިގޮތަށް ރައްޔިތުންނަށް ބިރުދެއްކުމުން މުސާރަބޮޑުުކުރުމަށް ރައްޔިތުން އެއްބަސްވަނީ އެވެ.

ކޮންމެފަހަރަކުވެސް މުސާރަބޮޑުކޮށްފާ މުވައްޒަފުންގެ ޤަވާޢިދާއި މަސްއޫލިއްޔަތާއި ޒިންމާތައް ވަރަށްރަގަޅަށް ސާފުކޮށްދީ އަދި ވަރަށްހަރުކަށި އަމުރުތައްވެސް މުވައްޒަފުންނާއި ދޭތެރޭ ރައްޔިތުން ނިންމައެވެ. ގަޑިންގަޑިން ބަރާބަރަށް ޑިޔުޓީ އަދާކުރޭތޯ ބެލުމަށް ރކ.ކޮމިޓީގެ ބޭފުޅުންނާއިވެސް ބައެއްފަހަރު ފަހަރު ޙަވާލުކުރައްވާ ހަދައެވެ. އަދި މިވަރުން ނުވެގެން އިންޖީނުގޭގައި ޑިޔުޓީ އަދާކުރޭތޯއާއި އެތާނގެ މުވައްޒަފުންގެ ކަންތައްތައް ބެލުމަށް ރަށުއޮފީސް ހިންގަވަން ހުންނަވާ ބޭފުޅާގެ އިތުރުން އެހެންމީހަކުވެސް މުސާރަދީފާ ހުންނަކަމަށް ވެއެވެ. ނަމަވެސް ހިތާމައަކީ ހިލޭސާބަހަށް އެއްވެސް އުޖޫރައަކާއި ނުލައި އިންޖީނުގެ ބަލަހައްޓައިދިން ބަޔަކު ބަލަހައްޓައިދިން ދުވަސްވަރެކޭ ، ބޮޑުމުސާރަދީފައި މުވައްޒަފުން ލައިގެން ޑިޔުޓީ ޓޭބަލާއި އެހެނިހެން ތާވަލްތައް ހަދައިގެން ބަލަހައްޓަމުން މިދާ ދުވަސްވަރެކޭ މާބޮޑުތަފާތެއްނެތުމެވެ. އެދުވަސްވަރުވެސް އިންޖީނު ގިނަފަހަރަށް ހުއްޓެނީ ތެޔޮހުސްވެގެންނެވެ. ތެޔޮއަޅަން ހަދާން ނެތިގެންނެވެ. ނުވަތަ ފިލްޓަރ ދާވެގެންނެވެ. މިހާރުވެސް މިވަނީ ހަމަ އެކަހަލަގޮތެކެވެ. އިންޖީނުތަކަށް މައްސަލައެއްދިމާވެގެން އިންޖީނުގެއަށް ރައްޔިތުން އެއްވެނިމޭއިރުވެސް ޑިޔުޓީގައި ހުރިބޭފުޅާ ބައެއްފަހަރަށް އާދެވެނީ އެންމެފަހުންނެވެ. ދާދި މިދާކަށްދުވަހުވެސް ރަށުގައި ހުރި އެންމެބޮޑު އިންޖީނު ރޭގަނޑު ދަންވަރު ނިވުނު ކަމަށްވަނީ ތެޔޮހުސްވެގެންނެވެ.

އަޅުގަނޑުގެ ވާހަކައަކީ މުސާރަބޮޑުކުރިއަސް އަދި އިތުރުމުވައްޒަފުން ލިޔަސް ހިންގުމުގެ ދާއިރާ ހަރުދަނާވެގެންނޫނީ ލަންދޫއިންޖީނުގޭގެ ކަންތައްތައް ރައްޔިތުން އެންމެހިތްއެދޭ ގޮތަކަށް ނުދާނެވާހަކައެވެ. މިޒަމާނަކީ ތިމާގެ މަސައްކަތް ބަލާނެ އެހެންމީހަކު ނެތިއްޔާ މަސައްކަތައް ފަރުވާކުޑަކުރެވޭ ތަން ވަރަށްކައިރީގައި އޮންނަޒަމާނެކެވެ.

އިންޖީނުގޭ ހިންގުމާއި ޙަވާލުވެހުންނަވަނީ ޒަމާނުއްސުރެ މިރަށުގައި އޮންނަ ސަޤާފަތެއްގެ މަތިން އެއިރެއްގައި އޮފީސްހިންގަވަން ހުންނަވާ ވެރިއެކެވެ. އެބޭފުޅާގެ ޒިންމާ ތަކާއި މަސްއޫލިއްޔަތުތައް އެބޭފުޅާގެ ވަޒީފާގެ ދާއިރާއިން އެންމެހައި ގިނައިރު މިފަދަ ޒިންމާދާރު ބޮޑުމަސައްކަތެއް އެފަދަބޭފުޅަކަށް ބެލެހެއްޓޭނީ ކޮންގޮތަކުން ބާއޭ އަޅުގަނޑުގެ ހިތަށް އަރައެވެ. އަދި އަޅުގަނޑު ދެކޭގޮތުގައި އެފަދަބޮޑު ޒިންމާއެއް އެފަދަބޭފުޅެއްގެ ބޮލުގައި އަޅުވަން މަރުހެޔޮނުވާނެއެވެ.

އެހެންކަމުން މިފުރުޞަތުގައި ލަންދޫގެ ހިންގުންތެރިވެރިންނަށާއި އެންމެހައި ރައްޔިތުންނަށް އަޅުގަނޑު ޚިޔާލެއް މިހުށައަޅަނީ ލަންދޫރައްޔިތުންގެއިންޖީނުގެ އަށް ލިބޭފައިސާ އެތަނުގެ މަރާމާތަށާއި ޚަރަދަށް އަދި މުވައްޒަފުންގެ މުސާރައަށް ގޮސް ހުސްވެ ލިބޭފައިދާ އަކަށް ވުރެ ގެއްލުންބޮޑުވެ އިންޖީނުގެ ނުހިންގޭ ހިސާބަށް ގޮސްފައިވާތީ އެކަމުގައި ރަގަޅުއަލިމަގެއް ފެނޭތޯ އެކަމުގެ އެދުމުގައެވެ.

އަޅުގަނޑުގެ ޚިޔާލަކީ ރަށުގައި އުފެދިފައިވާ ކުލަބު ޖަމިއްޔާ ތަކަށް ނުވަތަ އަމިއްލަ ކޮންމެވެސް ފަރުދަކަށް ވަކިޝަރުތަކެއްގެމަތިން އެގްރިމެންޓްކުރުމަށް ފަހު އިންޖީނުގެ ހިންގުން ( ކުއްޔަށް ) ޙަވާލުކުރުމެވެ. އަދި މިގޮތަށް ޙަވާލުކުރުމުގައި މިހާރުވެސް އިންޖީނުގެ ހިންގުމުގައި އެހީއަކަށް ސަރުކާރުއެދެއްވާ ފައިސާ ވެސް ވަކިހަމަތަކެއްގެ މަތިން އެބަޔަކާ ޙަވާލުކުރެވިދާނެއެވެ. އަދި މިނޫން އެހެން ރަގަޅުވިސްނުމެއްވެސް މިގޮތަށް ބަޔަކާޙަވާލުކުރާއިރު އޮވެދާނެއެވެ.

މިއީ ހަމަ ޚިޔާލެކެވެ. އަޅުގަނޑުވެސް އެދެނީ ތިޔަބޭފުޅުންނެކޭ އެއްފަދައިން ހުރިހާރޮގަނކުންވެސް ލަންދުއަށް ކުރިއެރުމާއި ތަރައްޤީއެވެ.

No comments: