ފެންވަރުގެ ފުޓްބޯޅަމުބާރާތެއް
ކުރިމަތިވަމުންއަންނަ އުފާވެރި އަލްޙާޢީދުގެ މުނާސަބަތުގައި ވަރަށްފެންވަރު ރަނގަޅު އަގުބޮޑު ފުޓްބޯޅަ މުބާރާތެއް މިރަށުގައި ބޭއްވުމަށް މަސައްކަތްކުރަމުން އަންނަކަމުގައި މިސައިޓަށް މަޢުލޫމާތު ލިބިއްޖެއެވެ.
ލަންދޫގެ ތާރީޚްގައި މިހާތަނަށް އެންމެބޮޑު ކާމިޔާބެއް ހޯދައިދިން ގޯލްކީޕަރ އަލްފާޟިލް މުޙައްމަދު ވަސީމް ޚަރަދުކުރައްވައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ތައްޔާރީތައް މިހާރުވެސް ކުރިއަށްދާކަމަށް ޚަބަރު ލިބެއެވެ.
މިރަށަކީ މިފަހަކަށް އައިސް އަލްޙާޢީދާއި ދިމާކޮށް ވަރަށްގިނަޢަދަދެއްގެ ބަޔަކުޒިޔާރަތް ކުރަމުންއަންނަ ރަށަކަށްވާހިނދު މިދުވަސްކޮޅު މިމުބާރާތްބޭއްވިއްޖެނަމަ ވަރަށްފޯރިގަދަ އަދި ކާމިޔާބު މުބާރާތަކަށް ވެގެންދާނެ ކަމަށް އަޅުގަނޑުމެންދެކެމެވެ.
މިމުބާރާތަށް ހުރިހާ ޚަރަދެއްކުރައްވާ މިމުބާރާތް ބޭއްވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ މުޙައްމަދު ވަސީމް ( ވައްސޭ ) އަކީ ލަންދޫގެ ކުޅިވަރަށް ޚާއްޞަކޮށް ފުޓްބޯޅައަށް ވަރަށް ގިނަގުނަ އެހީތަކަކާއި ، ޤުރުބާނީ ތަކެއްވެލައްވާފައިވާ އަޅުގަނޑުމެން އެންމެންގެ އެކުވެރިއެކެވެ.
ލަންދޫގެ ތާރީޚްގައި އަދި މިހާތަނަށް ޒޯންފައިނަލް ކުޅުނު ހުރިހާއަހަރެއްގައި ( 1 އަހަރުފިޔަވާ ) މިރަށުގެ ގޯލްބަލަހައްޓައިދީ ޓީމް މޮޅުކޮށްދީ މާލެއަށް ލަންދޫ ގެންގޮސް ދިނުމުގައި އެންމެ އިސްދައުރެއްއަދާކޮށްދެއްވީ ވައްސޭ ކަން މިފާހަގަކޮށްލަނީ ނުހަނު ޝުކުރުވެރިކަމާއި އެކުގައެވެ.
އަޅުގަނޑުމެން މިތިބީ ވައްސޭ އިސްނެންގެވި މިއިސްނެންގެވުމަށް މަރުޙަބާ ކިޔާ މިކަމުގައި ވައްސޭ އެދިލެއްވި ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދީ މިމުބާރާތަކީ ކާމިޔާބު މުބާރާތަކަށް ހެދުމަށް ތައްޔާރަށެވެ.
އަދިވެސް އެއްފަހަރު މިރަށުގެ ކުޅިވަރަށް ޚާއްޞަކޮށް ފުޓްބޯޅައަށް ވައްސޭ ތިޔަކޮށްދެއްވާ މަސައްކަތަށް ފަށްފަށުން ޝުކުރުއަދާކުރަމެވެ.
No comments:
Post a Comment